ޑިޒައިން އެންޑް ބިލްޑް އުސޫލުން ސ. ހިތަދޫއާއި ފުވައްމުލަކުގައި 400 ފްލެޓް އަޅައިދޭނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެެއްގައި ބުނެފައިވަނީ ފުވައްމުލަކުގައި 200 އަދި އައްޑޫ ހިތަދޫގައި 200 ހައުސިން ޔުނިޓް އަޅަން ބޭނުންވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ނަމަ، ބިޑް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ ކަމަށް ޝަރުތުހަމާ ފަރާތެއް ހޯދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ ދަށުން ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ އެ ދެ ބީލަމުގައި ބައިވެރިވާން ވެސް 500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. އެކަމަކު ފުވައްމުލަކުގައި އަޅާ 200 ހައުސިން ޔުނިޓްގެ ބީލަމުގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ ބަލައިގަންނާނީ މިމަހުގެ 27 އިން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ފިނޭންސް އިން ކުރި އިއުލާނުގައިވެއެވެ. އަދި އައްޑޫ ހައުސިން ޔުނިޓް މަޝްރޫއުގެ ފައިސާ ބަލައިގަންނާނީ މިމަހުގެ 27 އިން އަންނަ މަހުގެ 19 އަށް ކަމަށާއި، އެ ފައިސާ ބަލައިގަންނާނީ ސަރުކާރު އޮފީސްތައް ހުޅުވާފައި ހުންނަ ގަޑިތަކުގައި މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެެ.

އެ ދެ މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 1،020،000ރ. ކަނޑައަޅާފައިވާއިރު ބިޑް ސެކިއުރިޓީގެ މުއްދަތަކީ ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވަނީ ފުވައްމުލަކުގައި މަޝްރޫއު ހިންގަން ޝައުގުވެރިވާ ފަރާތްތަކުގެ ބިޑް ހުޅުވުން އޮންނާނީ 17 އޭޕްރީލްވާ އާދިއްތަ ދުވަހުގެ 11:00 ގައި ކަމަށެވެ. އަދި އައްޑޫ މަޝްރޫއުގެ ބިޑް ހުޅުވުން އޮތީ އަންނަ މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގައި ކަމަށް ފިނޭންސް އިން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން އައްޑޫއާއި ފުވައްމުލަކުގައި 400 ފްލެޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފައިވާއިރު މާދަމާގެ ވަގުތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު އައްޑުއާއި ފުވައްމުލަކަށް ވަޑައިގަންނަވާ ގޮތަށް ވަނީ ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު