ފަނޑިޔާރުންނާއި، ފަނޑިޔާރުގެތަކާމެދު ރައްޔިތުން ދެކޭ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން މިރޭ ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން މިހެން ވިދާޅުވީ ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ 'ޤަޟާއީ އަހަރު 2022' އިފްތިތާހު ކޮށްދެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހުކޮށް، ރައްޔިތުންގެ އިތުބާރު ހިފޭ ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން މިހާރު ފަނޑިޔާރުންނާއި، ފަނޑިޔާރުގެތަކާމެދު ރައްޔިތުން ދެކޭ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ކޯވިޑް-19ގެ ބަލިމަޑުކަމާއިއެކު ދިމާވި ގޮންޖެހުންތަކުގައި ހެޔޮ ބަދަލުތަކެއް ޝަރުއީ ދާއިރާއަށް ގެނެވިފައިވާކަން ފާހަގަަކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޓެކްނޮލޮޖީއަށް އަހުލުވެރި ބަޔަކަަށް ޝަރުއީ ދާއިރާ ވެގެން ގޮސްފައިވާއިރު، ކޯޓުތަކުގައި ޝަރީއަތްތައް ލައިވް ކުރެވި، ކޯޓުތަކުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދެވުނުކަމީ ފާހަގަކޮށްލަންޖެހޭ ކަމެއްކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޒިންމާ އަދާކުރުމުގައި ފަނޑިޔާރުންގެ އެންމެބޮޑު އަމާޒަކަށް ވާންވާނީ ނަޒާހާތްތެރި ކަމާއިއެކު މަސައްކަތުގައި ދެމި ތިބުމަށް ކަަމަށެވެ. ޢަދި ތިމާގެ މަސްލަހަތު ހިމެނޭ ކަމެއްކަމަށް ތިންވަނަ ފަރާތަކުން އިނގިލި ދިއްކޮށްފާނެ މައްސަލައެއްގައި ބައިވެރިނުވެ، ފަނޑިޔާރު ކަމުގެ ޒިންމާ އަދާކުރުމުގައި ފަނޑިޔާރުގެ ތެދުވެރިކަމާއި އިހުލާސްތެރިކަމާއިއެކު ސުވާލު އުފައްދަން ފުރުސަތު ނުދިނުމަކީ އެންމެ މުހިންމު އެއްކަންތައްކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

ޤައުމުގެ ހަމަޖެހުމާއި އަދުލު އިންސާފުގެ ވެރިކަން މިނިވަން ޖުޑީޝަރީއެއް ނެތި ގާއިމް ނުކުރެވޭނެކަމީ ތާރީހު ހެކިދޭ ކަމެއް." އުއްތަމަ ފަނޑިޔާރު މުއުތަސިމް ވިދާޅުވިއެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިނިވަން ޖުޑީޝަރީއެއް ޤާއިމް ނުކުރެވޭނަމަ، އެތަނެއްގައި އެދުލު އިންސާފެއް ނޯންނާނެކަމަށެވެ. އަދުލު އިންސާފު ކަށަވަރު ކުރުމަކީ ކޯޓުތަކުގެ ފަނޑިޔާރުންގެވެސް އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށް އެމަނިކުފާނު ވިދާޅުވިއެވެެ.

މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު