އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭލުމަށް ގޮވާލައި ނޭވާ ހޮޅިއަށް ނަމުގައި ބާއްވާ ހަރަކާތަކީ ސަރުކާރު ވައްޓާލަން ކުރިއަށް ގެންދާ ހަރަކާތެއްް ނޫންކަމަށާއި އެ ހަރަކާތް ނުބާއްވާނެ އެއްގޮތެއް ވެސް ނޯއްނާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަަވަމުން އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅުން އެއްވުމެއް ބާއްވަނީ މަގުމަތިން ސަރުކާރު ވައްޓާލަން ނޫން ކަމަށެވެ. ވެރިކަން ބަދަލުކުރަން އެ ޕާޓީން ގެންގުޅޭ ހަމައަކީ ވޯޓު ފޮށި ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން ސަރުކާރު ވައްޓާލާކަށް، ޕީޕިއެމް ޕީއެންސީއަކީ މަގުމަތިން ސަރުކާރު ވައްޓާލާނެ ޕާޓީއެއް ނޫން. ވޯޓް ފޮށިން މި ސަރުކާރު ބަދަލުކުރާނީ ދެން އަންނަ އިންތިޚާބެއްގައި އިންޑިޔާއަކަށް މި ރާއްޖޭގެ ވޯޓަކާއި ނުކުޅެވޭނެ. އެއަށް ވުރެ ބޮޑަށް އަޅުގަނޑުމެން އެއަށް ފާރަވެރިވާނަން. ރައްޔިތުން އެކަަމަށް ހޭލުންތެރިވާނަން." އަބުދުއްރަހީމް ވިދާޅުވިއެވެ.

އަދުރޭ ވަނީ އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ބާއްވަން އުޅޭ އެއްވުމަށް ފުރުސަތު ނުދީ ހުއްޓުވައިފި ނަމަ ޕީޕީއެމުން 2023 ގައި ވެރިކަމާ ހަވާލުވެ އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައެވެ. މީގެ އިތުރުން އަބުދުއްރަހީމް ވިދާޅުވީ ވެރިކަން ހޯއްދެވުމުގެ ބަދަލުގައި ރައީސް ޔާމީން ބޭނުންފުޅުވަނީ ގައުމުގެ މިނިވަންކަން ދަމަހައްޓަން ކަމަށެވެ. ދިވެހި ރައްޔިތުންގެ ހައްގުގައި ރައީސް ޔާމިން ވެރިކަމަށް ގެންނަންޖެހޭ ކަމަށާއި އެއީ މަޖުބޫރު ކަމެއް ކަމަށް އަދުރޭ ވިދާޅުވިއެެވެ.

މިއަދު ހަވީރު އިދިކޮޅުން ބާއްވަން ރާވާފައިވާ "އިންޑިއާ އައުޓް" ހަރަކާތުގެ ބޮޑު އެއްވުން ނުބާއްވަން އެޕާޓީއަށް ފުލުހުން ވަނީ އަންގައިފަ އެވެ. އެއްވުން ބާއްވައިފިނަމަ އެކަން ހުއްޓުވާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.

ފުލުހުން ނެރުނު ބަޔާނެެއްގައި ބުނެފައިވަނީ މި އެއްވުމުގައި ބައިވެރިކުރުމަށް ރަށްރަށުން މީހުން ގެނައުމަށް ނިންމާފައިވާ ކަމަށާއި ދުއްވާ އެއްޗެހި ބޭނުންކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކްކުރުމަށް ރާވާފައިވާ ކަމަށާއި މާލޭގައި އުޅޭ ކުށްކުރާ ގްރޫޕްތައް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށް ވެސް ރާވާފައިވާ ކަމަށެވެ. މި އެއްވުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ވެސް ނުރައްކާވެދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު