ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުވައްމުލަކު ސިޓީއަށް ވަޑައިގެންފި އެވެ.

ފުވައްމުލަކަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ނައިބު ރައީސް ފައިސަލް ނަސީމާއި ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގާއި ކައުންސިލް މެމްބަރުންނެވެ. ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމަށް ފުވައްމުލަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެއާޕޯޓު ސަރަހައްދަށް އެއްވެފައެެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު ފުވައްމުލަކަށް ކުރައްވާ މި ދަތުރުފުޅުގައި ފުވައްމުލަކުގެ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުމާއި އެ ރަށުގައި ކުރިޔަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ބައްލަވާލެއްވުމާއި ބައެއް މުއައްސަސާތަކަށް ރައީސް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުތަކުގެ ބޭނުމަކީ މި ދެ ސިޓީގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތައް ކުރިޔަށްދާ ގޮތް ބައްލަވާލެއްވުމާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމާއި އެމަނިކުފާނު ވަޢުދުވެވަޑައިގަންނަވާފައިވާ ގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ފުވައްމުލަކާއި އައްޑޫ ސިޓީއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެކެެވެ.



ކިޔުންތެރިންގެ ހިޔާލު