ނޭވާ ހޮޅިއަށް، ނަމުގައި އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 11 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ މުޒާހަރާގެ ތެރެއިން 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި މާލޭގެ ޑެޕިއުޓީ މޭޔަރު، އަޙްމަދު ނަރީޝާއި، މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ހިމެނިވަޑައިގަންނަވައެވެ.

އިދިކޮޅުގެ މުޒާހާރާއިން ހައްޔަރުކުރި ބައެއް މީހުން މިހާރު ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ. ޕީޕީއެމުން އިންތިޒާމުކޮށްގެން ބޭއްވި "ނޭވާހޮޅި" ހަރަކާތުން ހައްޔަރުކުރީ 11 މީހުން ކަމަށް ފުލުހުން ބުނި ނަމަވެސް އެ ހަރަކާތުގެ ތެރެއިން 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕީޕިއެމުން ވަނީ ބުނެފައެވެ.

ނޭވާ ހޮޅިއަށް، ނަމުގައި އިދިކޮޅު ކޯލިޝަނުން އެއްވުމެއް މިއަދު ހަވީރު (ޕީޕީއެމް) ގެ އޮފީސް ހިމެނޭ ސަރަހައްދުގައި ބާއްވަން އުޅުމުން މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕިއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށް، އެ ސަރަހައްދަށް އެސްއޯ ފުލުހުން ގެންގޮސް ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ހުއްޓުވާފައެވެ. މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރުމަށް ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން މުޒާހަރާގެ ބައެެއް ބައިވެރިންނަށް ވަނީ އެކިވަރުގެ އަނިޔާތައް ވެސް ލިބިފައެވެ.

ޕީޕިއެމް އިން ވަނީ މުޒާހާރާ އިން ހައްޔަރުކުރި ފަރާތްތަށް ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ.ނޭވާ ހޮޅި މުޒާހަރާ އަށް ފުލުހުން ހުރަސް އެޅުމުން މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ކާނިވާ ސަރަހައްދާއި މާލޭގެ ބައެއް މަގުތަކަށް ނުުކުމެ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ އަޑު އުފުލާފައެވެ. ފުލުހުން ބާރުގެ ބޭނުކޮށްގެން މުޒާހަރާ ހުއްޓުވީ އެއީ ގާނޫނާއި ޚިލާފަށް ބާއްވާ މުޒާހަރާ އެއް ކަމަށް ބުނެ އެ މުޒާހަރާ ބޭއްވިޔަ ނުދޭނެ ކަމުގެ އިންޒާރު ދިނުމަށްފަހުއެވެ. އެ މުޒާހަރާ އަކީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިޔާ އައުޓްގެ އިވެންޓެކެވެ.



ކިޔުންތެރިންގެ ހިޔާލު