"ރޯޑް ސޭފްޓީ" ނުވަތަ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އެންޖީއޯތައް ނުވަތަ އަމިއްލަ ޖަމުއިއްޔާތަކަށް މުހިއްމު ދައުރެއް އަދާކުރެވޭނެކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ މަގުތަކުގެ ރައްކާތެރިކަމަށް ވަކާލާތުކުރާ "ގްލޯބަލް މީޓިންގ އޮފް އެންޖީއޯސް" ގެ 7 ވަނަ ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ދެއްވި ބަޔާނުގައެވެ.

ޝާހިދު ވިދާޅުވީ މަގުތަކުގެ ރައްކާތެރިކަމަކީ އިޖްތިމާއީ އިންސާފުގެ އަސާސީ ކަމެއްކަމަށްވާއިރު، ފަގީރު ނުވަތަ މެދު ފަންތީގެ ގައުމުތަކުގައި ހިނގާ އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ 93 އިންސައްތައަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ނުވަތަ ކުޑަކުދިންކަމަށެވެ. އަދި މިފަދަ އެކްސިޑެންޓްތަކުގެ ސަބަބުން ފަގީރުން އިތުރަށް ފަގީރުވެ، މުޅި ހަޔާތް ބަދަލުވެގެންދާފަދަ ހާލަތްތައް މެދުވެރިވެގެންދާކަމަށް ޝާހިދު ވިދާޅުވިއެވެ.



ޝާހިދުގެ ވާހަކަފުޅުގައި ބައެއް ތަފާސް ހިސާބުތަކަށްވެސް ބައްލަވާލެއްވިއެވެ. އެގޮތުން ކޮންމެ އަހަރަކު 1.3 މިލިއަން މީހުން މަގުމަތީގެ އެކްސިޑެންޓްތަކުގައި މަރުވެފައިވާއިރު، އެކްސިޑެންޓްތަކުގެ ސަބަބުން ބައެއް ގައުމުތަކުގެ ޖީޑީޕީގެ 3 އިންސައްތައާ ހަމައަށް ގެއްލުންވެފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ މިކަންކަން ބަދަލުކުރަންޖެހޭކަމަށެވެ. އަދި އެކަން ކުރެވޭނީ ޖުމްލަ ގޮތެއްގައި ގުޅިގެން ކުރާ ހަރުދަނާ މަސައްކަތްތަކެއްގެ ތެރެއިންކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި މަގުތަކުގެ ރައްކާތެރިކަމާއި ގުޅޭގޮތުން އެންމެ މުހިއްމު މަސައްކަތެއް ކުރެވޭނީ އަމިއްލަ ޖަމިއްޔާތަކަށްކަން ފާހަގަކުރެއްވި އެވެ. އެގޮތުން މީހުންގެ ވިސްނުން ބަދަލުކޮށް، ހޭލުންތެރި ކުރުމަށް އެންޖީއޯތަކަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަންވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ ރޯޑް ސޭފްޓީއާ ގުޅޭގޮތުން އދގެ އާއްމު މަޖިލީހުގެ ފަރާތުން ބާއްވާ މަތީ ފެންވަރުގެ ބައްދަލުވުމެއް އަންނަ ޖޫންމަހު އޮންނާނެކަމަށެވެ. އަދި މީގެކުރިން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުވެސް އެފަދަ ބައްދަލުވުމެއް ބޭއްވުނުކަމަށާއި، އެ ބައްދަލުވުމުގައި މުހިއްމު ކަންތައްތަކެއް ކުރެވުނުކަން ޝާހިދު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު


-4

ހަސަން ކޮއި

29-Mar-2022

މީނާ އަކީ ދެކޮޅުން ކާ ބޮޑު ފަނި.. ރާއްޖެއިންމުސާރަ..ދަރީންނަށް ޔޫކޭ އެންބަސީން ވަޒީފާ (އެއީ ކިޔަވަން ބައިތިއްބަން) މިހާރު ޔޫއެން އިންވަޒީފާ, ނުވިތާކަށް ދެކޮޅު ދަތުރަށް ވެސް ރާއްޖެއިން ލާރިނަގާ.. މީތަންފުކެއް ބޮޑުވަރު ދޯ.. ކާޕެޓް މެން ލަދެއްވެސްނުގަނީ ދައުލަށް ކަވާފައި.. އަދި އަގަ އެބަ ހުޅުވައެއްނު.. އެހެން ނޫނަސް މިހާރު ދާޚިލީ ކަންކަމާއި މަގުމައްޗާ މީނާއަކަށް ނުބެހެވޭނެ..