ގެއްލުން ލިބުނު ކާރު
ގެއްލުން ލިބުނު ކާރު
މާފަންނުކޮޅު ގެއެއްގެ މަތީ ބުރީއަކުން ބާލަން އުޅުނު ގަސްމުށިތަކެއް ހުރި ފޮށިގަނޑެއް މައްޗަށް ވެއްޓި ޓެކްސީއަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު އިއްޒުއްދީން މަގުގައެވެ. މިގޮތުން މަގުމައްޗަށް ވެއްޓިފައިވަނީ އެ މަގުގައި ހުންނަ މ. މަނާޒޯގެ ފަސް ވަނަ ބުރީގެ ޓެރަސްމަތީން ފޮށިގަނޑެއް ވާޖަހައިގެން ބާލަން އުޅުމުގެ ތެރޭގައެވެ.

މި ހާދިސާގައި މީހަކަށް ގެއްލުން ނުލިބުނަސް، ޓެކްސީގެ ބިއްލޫރިތައް ތެޅި ކާރުގެ ރޫފްވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. ހާދިސާ ހިނގިއިރު ޑްރައިވަރު ފިޔަވައި އިތުރު މީހަކު ޓެކްސީއަކު ނެތެވެ.

މި ހާދިސާ ހިނގުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސްފައިވާއިރު ގަސްމުށިތަކުގެ ވެރިފަރާތާއި ޓެކްސީ ޑްރައިވަރު މިހާރު އެއްބަސްވުމަކަށް އައިސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު