އިންޑިޔާ އައުޓް ކެމްޕޭން ހުއްޓުވަން މަސައްކަތް ކުރާ ފުލުހުންގެ މައްސަލަ ކޯޓަށް ހުށައަޅާނެ ކަމަށް ކުރީގެ ރައީސް، ރައީސް އަބުދު ﷲ ޔާމިން މިރޭ ވިދާޅުވެއްޖެއެވެ.

ޕީޕިއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ، އިދިކޮޅުން ހިންގާ އިންޑިޔާ އައުޓް ހަރަކާތް ހުއްޓުވުމުގެ ހައްގެއް ފުލުހުންނަށް ނޯންނާނެ ކަމަށެވެ. އިދިކޮޅު ކޯލިޝަނުން މަގުމައްޗަށް ނިކުތީ ސިފައިންނާއި ފުލުހުންގެ ގާނޫނީ ޒިންމާ އަދާ ނުކުރުމުން ކަމަށާއި މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުން ހުއްޓާނުލާނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

އިދިކޮޅުން ހިންގާ ހަރަކާތްތަކަށް ހުރަސް ނޭޅުމަށް ރައީސް ޔާމިން ވަނީ ފުލުހުންނާއި ސިފައިންނަށް ގޮވާލައްވާފައެވެ.

"އަޅުގަނޑުމެންގެ މި މަސައްކަތަށް އެއްބާރުލުން ދެއްވާ، އަޅުުގަނޑުމެން ހިފަހައްޓަވަން ނޫޅުއްވާ. އަޅުގަނޑުމެންނަށް ހުރަސް ނާޅުއްވާ. ސިފައިންނާއި ފުލުހުންނަށް ވެސް ދިވެހި ރައްޔިތުންގެ ޝުއޫރާ ދިވެހި ރައްޔިތުންގެ ވިންދާ ރައްޔިތުންގެ އަގުލަބިއްޔަތު އޮތްގޮތް އެގޭނީ އަޅުގަނޑުމެން މިނިވަން ކަމާއެކު މި ހަރަކާތަށް ދިވެހި ރައްޔިތުން ނިކުންނާނެ ވަރަކަށް ނުކުންނަށް ދޫކޮށްލިއްޔާ، އޭރަށް އަޅުގަނޑަށް މައްސަލައެއް ނެތް ޑިފެންސުން ބަޔާން ނެރުއްވާ ރައީސް ޔާމިން އެކުރައްވާ މަސައްކަތުގައި 100 މީހުންނޭ ތިބީ، 100 މީހުންތޯ ނުވަތަ ނޫންތޯ ކެރިވަޑައިގަންނަވަންވީ." ރައީސް ޔާމިން ވިދާޅުވިއެެވެ.

މީގެއިތުރުން ފުލުހުން އިދިކޮޅު ކޯލިޝަނުގެ ބައެއް ވެރިންނާ ބައްދަލުކޮށް އިދިކޮޅު ފަރާތްތަކުން އުޅެނީ ސުލްހަވެރިކަން ނަގައިލާ ހަމަނުޖެހުން ހިންގުމަށް ކަމަށް ތުހުމަތުކުރި ކަމަށާއި، އިއްޔެ މުޒާހަރާއިން ހައްޔަރުކުރި ފަރާތްތައް ބަންދުގައި ބޭތިއްބުމާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކޮށް، ސުލްހަ ނަގައިލާ ހަމަނުޖެހުން ހިންގަން އުޅުނުކަމަށް ތުހުމަތުނުކުރާކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޤައުމުގެ ސުލްހަވެރިކަން ނަގައިލަން ބަޔަކު އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެކަން ހުއްޓުވުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ. ގާނޫނާ ޚިލާފު އަމުރުތައް ފުލުހުންނާއި ސިފައިން ތަންފީޒު ކުރާނަމަ ރައީސް ނަޝީދުގެ ވެރިކަމުގައި ހިނގި ތާރިޚު އަލުން އިއާދަވެގެން ހިގައިދާނެ ކަމުގެ އިންޒާރު ވެސް ރައީސް ޔާމިން ވަނީ ދެއްވާފައެވެ.

"ތާރީހަކީ އިއާދަވާ އެއްޗެއް. ހާލަތު ބަދަލުވެގެން ދިޔައިމަ ހަމައެހިނގި ހާލަތު އަޅުގަނޑުމެންނާ ހަމައަށް ބައްދަލު ކުރީމަ އޭރު ހިނގި ހާދިސާއެއް ހިނގާނެ. އެކަމަށް ވިސްނާ ވަޑައިގަންނަވާ." ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ޕީޕިއެމުން ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް 2023 ވަނަ އަހަރުގެ ފަހުކޮޅުގައި ޤާއިމުވެ 2024 ވަނަ އަހަރު ސިޔާސަތުތައް ހިންގަން ފަށާ ސަރުކާރުން، މިހާރު ދިވެހި ޤައުމުގެ ދިފާއުގައި ޕީޕީއެމް/ޕީއެންސީން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއަޅުއްވާ ފުލުހުންނާއި އިސްވެރިން ވަޒީފާތަކުން ވަކިކުރާނެ ކަމަށެވެ.

އިންޑިޔާ އައުޓް މުޒާހަރާއިން ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާނު މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރިއިރު ބިޑި އެޅުވި ފަރާތްތަކަށް މާފު ނުކުރާނެ ކަމަށާއި އެމައްސަލަ ޕީޕިއެމްގެ ސަރުކާރެއްގައި ބަލާނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި މިހާރުވެސް އިންޑިޔާ ސިފައިން އެބަތިބި ކަމަށާއި އިންޑިޔާ ސިފައިންގެ ހަތިޔާރުވެސް ރާއްޖޭގައި އެބަހުރި ކަމަށެވެ. އަދި އެއްވުންތައް ހުއްޓުވުމަށް މިހާރު ސިފައިންނާއި ފުލުހުން ހަތިޔާރު މަދުވެގެން އުޅެން ނުޖެހޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެމިއޮތީ އިންޑިޔާގެ ސްޓޭޓަކަށް ވެފައިކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ނިކުމެވަޑައިގެން ހުންނެވީ އަމިއްލަ ބޭނުމަކު ނޫންކަމަށެވެ. މުޒާހަރާއަށް ނިކުންނެވީ އަވަށްޓެރި ޤައުމަކަށް ޖިޒީ ދޭކަށް ނޫންކަމަށާއި، އެމަނިކުފާނު ނިކުންނެވީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ ހައްޤުގައިކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު