ދިވެހިންގެ އަސާސީ އަދި އެންމެ އިސްކަންދޭ ކަންކަމަށް ބިނާކޮށްފައިވާ ރާއްޖެ އިންޑިއާ ތަރައްގީގެ ގުޅުން މިއަދު 2.6 ބިލިޔަން އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޑރ ސުބްރަމާނިއަމް ޖައިޝަންކަރު މިރޭ ވިދާޅުވެއްޖެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ. މިދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ދެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެއްބަސްވުންތަކުގެ ތަފްސީލާ އަދި ރާއްޖެ-އިންޑިއާ ގުޅުން ހާމަކުރައްވައި ޖައިޝަންކަރު ވަނީ ދިވެހި ބަހުން ގިނަ ޓްވީޓްތަކެއް ކުރައްވާފައެވެ.

ޖައިޝަންކަރު ވިދާޅުވީ ދިވެހިންގެ އަސާސީ އަދި އެންމެ އިސްކަންދޭ ކަންކަމަށް ބިނާކޮށްފައިވާ ރާއްޖެ އިންޑިއާ ތަރައްގީގެ ގުޅުން މިއަދު ވަނީ 2.6 ބިލިޔަން އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް އަރާފައި ކަމަށެވެ. ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ވަނީ ދެ އަހަރު ތެރޭގައި ބޮޑު ކުރިއެރުންތަކެއް ހޯދައިފައި ކަމަށާ ކުރިއަށް އޮތް މަސްތަކުގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.



މީގެ އިތުރުން 4000 ހައުސިން ޔުނިޓް އެޅުން، ބޯފެން، އަދި ސެނިޓޭޝަން މަސައްކަތާއި އައްޑޫ މަގު ހެދުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ދަ ނެޝަނަލް ކޮލެޖް ފޯ ޕޮލިސް އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮފިސަރުންނަށް ތަމްރީނުދީ ކުށްކުރުމާއި ދެކޮޅަށް ކުރާ މަސަތްކަތުގެ ގާބިލުކަން އަހަރުތަކަށް ފުޅާކުރެވިގެން ދާނެ ކަމަށެވެ.

އަދި ކޯސްޓަލް ރާޑާ ސިސްޓަމުން ރާއްޖެއާއި މުޅި ސަރަހައްދުގެ ކަނޑުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރު ވެސް އެހީތެރިވެދެވޭ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ކޯވިޑް-19 ސެޓްފިކެޓް ދެ ގައުމުން ބަލައިގަތުމުން ރާއްޖެ އިންޑިއާ ދަތުރުތައް ފަސޭހަވެގެން ދާނެ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

ޖައިޝަންކަރު ވަނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާއިން ކަންވެސް ފާހަގަ ކުރައްވާފައެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލާއި ކާބޯތަކެތި ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދެވިފައިވާ ކަމަށެވެ. އަދި އަހަރެއް ފަހުން އަނެއްކާވެސް ރާއްޖެ ވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި އުފާފުޅެއް ކަމަށާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިންވެސް ބޮޑުވަޒީރު މޯދީ އާއި ރައީސް ސޯލިހްގެ އިރުޝާދުގެ ދަށުން ދެ ގައުމުގެ ގުޅުން ހަރުދަނާވެފައިވާ ކަން ޖައިޝަންކަރު ވަނީ ފާހަަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ދެމެހެއްޓެނިވި ގުޅުމުގެ އަމާޒަކީ ކުރިން ދެކެފައިނުވާ ބާރުމިނެއްގައި ރައްޔިތުންގެ ދިރިއުޅުމަށް ވާސިލްވުން ކަމަށެވެ.

"މި ގުޅުމަކީ މިސަރަޙައްދުގެ ހަމަޖެހުމާއި ތަރައްގީގެ ބާރެކެވެ. މި ގުޅުން ބަދަހިކޮށް ވަރުގަދަ ކުރުމަކީ އަޅުގަނޑުމެން އެންމެން ހިއްސާވާ ޒިންމާއެކެވެ،" ޖައިޝަންކަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


0

ޖާާބެ

29-Mar-2022

ގުލުން ވަރަށް ރަގަޅު. މުޅި ގައުމު ވިއްކާލާފި. ދަރަނި ނަގާ ފެން ތިޔަބުނާ ކަންތައް ކުރެވިދާނެ. ނަތީޖާާ އަކީ ގައުމު ދަރާ ވިކުން.އަޅުވެތި ވުން.