އިންޑިއާއިން ރާއްޖެއަށް އެހީވަނީ ވެރިކަމުގައި ހުންނަ މީހަކަށް ބަލައިގެނެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ އައްޑޫގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވި، އިންޑިއާއިން ވެދޭ އެހީތެރިކަމަކީ ސީދާ ދިވެހި ރައްޔިތުންނާއި، ރާއްޖޭގެ ތަރައްޤީއަށް ވެދޭ އެހީއެއްކަމަށެވެ.

އޭގެ ތެރޭގައި އައިޖީއެމްއެޗް، ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް، 34 ރަށުގެ ފެނާ ނަރުދަމް ޤާއިމްކުރުން، ތިލަ މާލެ ބްރިޖް މަޝްރޫޢު، އައްޑޫ ގަން އިންޓަރނޭޝަލް އެއަރޕޯޓް ތަރައްޤީކުރުން، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު، އައްޑޫ ސިޓީ ބިން ހިއްކައި މަގު ހެދުމުގެ މަޝްރޫޢު، ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑް އަދި ތިލަފުށީ ފެސިލިޓީފަދަ މަޝްރޫޢުތައް ރައީސް ފާހަގަކުރެއްވިއެވެ.



ރައީސް ވިދާޅުވީ، އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަކީ ރާއްޖޭގެ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ ނުވަތަ ކޮންޕާޓީއެއްތޯ ބެލުމެއްނެތި ވަމުން އަންނަ އެހީތެރިކަމެއްކަމަށެވެ. އެގޮތުން ޕޮލިސް ކޮލެޖަކީ އޭގެ މިސާލެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ޕޮލިސް އެކަޑަމީ ހުޅުވުމާއި ހަމައަށް ގެނެވުނީ ކުރީގެ ސަރުކާރުތަކުގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއްގައިކަން ފާހަގަކުރައްވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ނަންފުޅު ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި މި ކޮލެޖުގައި ޒަމާނީ ހުރިހާ ވަސީލަތްތައް ޤާއިމްކޮށްފައިވާކަން ފާހަގަކުރައްވާ ފުލުހުންގެ ޚިދުމަތަކީ ޑިމޮކްރެޓިކް އުސޫލްތަކާއި ބެސްޓް ޕްރެކްޓިސަސް ހިމަނައިގެން ދޭ ތަމްރީންތަކަކަށްވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު