31 ވަނަ އެޕިސޯޑް
==========
މިވިސްނުން އަލުން ސިކުނޑިއަށް ވެރިވުމާއެކު، އޭނާ އަނެއްކާވެސް ނާއިލާ ގާތްކަން ބޭއްވޭތޯ މަސައްކަތް ފެށިއެވެ.
[ނާއިލް، ކިހާ ދުވަހެން ވަންދެންތަ ނާއިލަށް އަހަރެންގެ ހިތް ތޮރުފަ ތޮރުފާ ހުރެވޭނީ. އަހަރެން ނާއިލްގެ ލޯތްބަށްޓަކައި ކަރުނަ އަޅައި ރޯ މިންވަރު ނާއިލަށް ނުވިސްނޭތަ؟] ޢައިޝާ ނާއިލްގެ އަތުގައި ހިފެހެއްޓިއެވެ.
ނާއިލް އިސްއުފުލައި ޢައިޝާގެ މޫނަށް ބަލައިލިއެވެ.
[ޢައިޝާ، އަހަރެންގެ އަތުން ދޫކުރޭ. މިދޭތެރެއަކުން އަހަރެން ހީކުރިން، ޢައިޝާ އަހަންނާ ދުރަށްދާން މަސައްކަތް އެބަކުރެޔޭ. އެހެންވެ ވަރަށް އުފާވެސްވި. މިހާރު ކުއްލިއަކަށް...ކޮންކަމެއް ލައިގަނެގެންތަ ތިޔައުޅެނީ.] ނާއިލް ޢައިޝާގެ އަތުން ވީއްލިގަތެވެ.
[އެއްވެސް ކަމެއް އިތުރަކަށްނުވޭ....އަބަދުވެސް އަހަރެން ހަނދާންހުރޭ، ނާއިލަކީ އަހަރެންގެ ޙައްޤެއްކަން. ނާއިލްގެ ލޯބި ލިބެންޖެހޭނީ އަހަންނަށްކަން....] މިހާރު ޢައިޝާ ވާހަކަ ދައްކަނީ ޖެއްސުންކުރާ ޒާތަށެވެ.
[އަހަރެން ލޯބި ނުވިޔަސް ވަރިހަމަދޯ....ޢައިޝާ، ޢައިޝާ އަމިއްލައަށް އަހަރެންގެ ޙަޔާތުން ދުރަށް ގޮސް، އަހަރެންގެ ޙަޔާތަށް ޒޭނާ އަންނާނޭ ދުވަހަކީ، ޙަޔާތުގައި އަހަންނަށް ލިބޭނޭ އެންމެބޮޑު އުފާ...] ނާއިލް އެނދުގައި އޮށޯތެވެ.
[މިހާރު ނާއިލް ދެކެ ލޯބިވާ ކަމަށް ތިޔަބުނާ ޒޭނާވެސް ފާޑެއްގެ ފިރިހެނެއްގެ ފަހަތުން އެދުވަނީ. އޭނާ ނާއިލްދެކެ ކިހާވަރަކަށް ލޯބިވާތީތަ؟ އޭނާ އެމީހާއާ ވަރަށް އަވަހަށް ކައިވެނިވެސް ކުރާނެ. ރޭގައިވެސް އޭނާގެ ސައިކަލުގެ ފަހަތުގައި ޒޭނާ އިންއިރު ހީވަނީ އަށްޓަމަހެއްހެން.] މަލާމާތުގެ ހިނިތުންވުމަކާއެކު ޢައިޝާ ބުންޏެވެ.
ޢައިޝާގެ އެޖުމްލައާއެކު ނާއިލަށް ފުންމައިގެން ތެދުވެވުނެވެ.
[އޭނ......ކީކޭ؟......]
[ނުވާނެ...ޒޭނާ އެއްވެސް ފިރިހެނަކާއެކު ނުދާނެ. ޔަޤީން ނުދާނެ. ތިޔައީ ކަނޑައެޅިގެން ދޮގު.] ނާއިލް ޢައިޝާގެ އެވާހަކަ ޤަބޫލެއް ނުކުރިއެވެ.
[ތިގޮތަށް ޒޭނާއާ ބެހޭގޮތުން ދޮގު ވާހަކަ ދެއްކުމުގެ އެއްވެސް ޙައްޤެއް ޢައިޝާއަކަށް ނޯންނާނެ. ހުއްޓާލާ...މިހާރު...އަހަރެންގެ ކުރިމަތީގައި ތިގޮތަށް ވާހަކަ ދައްކަންޏާ ހަމަ މިހާރު މިތަނުން ދާންއުޅޭ....] ނާއިލްގެ އަޑު ބާރުވިއެވެ. ޢައިޝާ އޯކަށްދެމި ހޮޑުލަވާގޮތް ވާންފެށީ އެވަގުތުއެވެ. ވަގުތުން އޭނާ އަނގަމަތީގައި އަތް އަޅައިގެން ދުވެފައި ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. އެމަންޒަރު ފެނުމުން ނާއިލަށް އިންތިހާ ދަރަޖައިގެ ޙައިރާން ކަމެއް ލިބުނެވެ.
ހަމަގައިމުވެސް ކައިވެންޏަށްފަހު އޭނާ ޢައިޝާއާއެކު ގުޅުން ހިންގާފައިވަނީ އެންމެ ރެޔަކުއެވެ. އެއީވެސް އޭގެ މަހެއްހާ ދުވަސް ކުރިންނެވެ. މިޚިޔާލުގައި ހުރެ އޭނާ ޢައިޝާގެ ފަހަތުން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. އޭރު ޢައިޝާ ހޮޑުލާ ނިމިގެން އަނގަ ދޮވެލައިގެން ބޭރަށް ނުކުންނަނީއެވެ. މިހާރު ނާއިލްގެ މޫނުމަތިން ނުތަނަވަސްކަމާއި ހާސްކަން ފެންނަމުންދިޔަ ކަމުގައިވިޔަސް، ޢައިޝާގެ މޫނުމަތީގައި އެވަނީ އުފާވެރިކަމުގެ އަސަރެވެ. އޭނާގެ މޫނުމަތީގައި ފާޅުވަމުން ދަނީ ހިނިތުންވުމުގެ އަސަރެވެ.
[ޢައިޝާ...! ބަނޑުބޮޑީތަ؟] ހިސާބަކަށް ޙައިރާންވެފައި ހުރެ ނާއިލް އެއްސެވެ.
[އާނ...މިހާރު ދެމަސް...އިއްޔެ އަހަންނަށް ގޮތްތަކެއްވާތީ ޑޮކްޓަރަށް ދެއްކިން. ސްކޭންވެސް ކުރުވިން. އުފާކުރޭ ނާއިލް...އިރާދަކުރެއްވިއްޔާ ނާއިލަށް ފިރިހެން ކުއްޖަކު ލިބޭނީވެސް...] ޢައިޝާ ހުރީ ނާއިލްގެ މޫނަށް ބަލަހައްޓައިގެނެވެ.
[އަހަރެން އުފަލެއްނުވޭ...ޢައިޝާ އަހަންނަށް ކުއްޖަކު ވިހެއުމަކީ އަހަންނަށް ލިބޭނޭ އުފަލެއް ނޫން.] ނާއިލް މާޔޫސީ ރާގަކަށް ބުންޏެވެ.
[ތިހެން ނުބުނޭ ނާއިލް. އަހަރެންގެ ބަނޑުގައި އޮތަސް މިއީ ހަމަ ނާއިލްގެ ދަރިއެއް. ނާއިލްގެ ލޭ. ކޮންމެ މީހެއްގެ ބަނޑުން އުފަންވިޔަސް، ދަރިފުޅު ވާނީ ހަމަ ދަރިފުޅަށް. އަހަރެން މިއަދު މިގޭ ހުރިހާ މީހުނަށްވެސް އަހަރެން ބަލިވެއިންކަން އަންގާނަން.] ޢައިޝާ އުޅުނީ ކޮޓަރިން ނުކުމެގެން ހިނގައިގަންނާށެވެ.
ނަމަވެސް، އެޚަބަރު އޭނާގެ މަންމަމެނަށް ދޭން ބޭނުންނުވާތީ، ނާއިލް ޢައިޝާ ހިފަހައްޓައިފިއެވެ.
[ޢައިޝާ، މަންމަމެން ގާތު ތިވާހަކަ ނުދައްކާތި. އަހަރެން ބޭނުންވަނީ ތި ދަރި ވައްޓާލަން. ބޭސް ހޯދަދެންތަ؟ ޢައިޝާއަށްވެސް އެނގޭނަ، ޢައިޝާ މިހާރު ކުއްޖަކު ވިހައިގެން އެދަރިފުޅަށް އަހަންނަށް ލޯބި ނުދެވޭނެކަން. އާނ...ލޯތްބެއް ނުދެވޭނެ.] ނާއިލް އައިޝާގެ އަތުގައި ހިފަހައްޓައިގެންހުރެ ބުންޏެވެ. ނާއިލްގެ އެޖުމްލައިން ޢައިޝާގެ ގާތަށް ވަރަށް ބޮޑަށް ރުޅި އަތުވެއްޖެއެވެ.
އޭނާ ކުއްލިއެއް ޖަހާފައި ނާއިލްގެ އަތުން ވީއްލިގެންފިވެސްމެއެވެ.
[އަހަރެންގެ ދަރިފުޅު މަރާލަންތަ ނާއިލް ތިވިސްނަނީ...ތިއީ އެއްވެސް ރަޙުމެއް ނެތް އިންސާނެއް. ތިމާގެ އުފަން، ތިމާގެ ލެއިން އުފެދިފައިވާ ދަރިއަކު މަރާލަން ތިވިސްނީ. ނުވާނެ ތިކަމެއް. އަހަރެންގެ ބަނޑުގައި މިއޮތީ އަހަރެންގެ ލޯބީގެ ނިޝާން. އާނ...އަހަންނާއި ނާއިލްގެ ލޯބީގެ ނިޝާން. މި ލޯބީގެ ނިޝާނަކީ އަހަރެންގެ ލޯބީގެ ދިގުދެމިގެންދާނޭ ހަނދާންތަކެއް. އަހަރެންގެ ބަނޑުގައިމިވާ ދަރިފުޅަށް ކުޑަވެސް ގެއްލުމެއް ލިބުމަކީ، އަހަންނަށް އެދެވޭނެ ކަމެއް ނޫން.] ޢައިޝާއަށް މިހެން ބުނެވުނު ވަގުތަކީ އެކޮޓަރި ދޮރު ހުޅުވާފައި ނާއިލްގެ މަންމަ ނާޒިމާ އައިސް ވަން ވަގުތެވެ.
[ދަރިފުޅާ...އައިޝާ ބަނޑުބޮޑީތަ؟] ނާޒިމާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ.
[އާނ..މަންމާ....އަހަރެންގެ ބަނޑަށް ދެމަސްވެއްޖެ. މިހާރު...މިހާރު ނާއިލް ބުނީ...ދަރިފުޅު ވިހާނެ ކަމެއްނެތޯ. އެކަމަކު އަހަރެންގެ ބަނޑުގައި މިވާ ދަރިފުޅަށް އެއްވެސް ގެއްލުމެއްދޭކަށް އަހަރެން ބޭނުމެއް ނޫން. މަންމާ، ނާއިލަށް ވިސްނައިދީބަލަ.] ފުރްޞަތުގެ ބޭނުންކޮށް، ޢައިޝާ މިހެން ބުނެފައި އެނދުގައި އިށީނދެއްޖެއެވެ.
[ތެދެއް ދަރިފުޅާ! އެހެން ހަދާކަށް ނުވާނެ. ޢައިޝާގެ ބަނޑުގައިވާ ދަރިފުޅަކީ ދަރިފުޅުގެ މުޅި މުސްތަޤްބަލާ ގުޅިފައިވާ ދަރިފުޅުގެ ނަޞީބު ކަމަށްވެސް ވެދާނެ. ދެން ތިހުރިހާ ވިސްނުމެއްވެސް ދޫކޮށްލާ، ޢައިޝާއާއެކު އުފާވެރި ދިރިއުޅުމެއްގައި ބާއްޖަވެރި ޙަޔާތެއް ވެއަތުކުރެވޭތޯ މަސައްކަތް ކުރޭ.....] އައިޝާ ބަނޑު ބޮޑުކަން އެނގުމުން، ނާޒިމާ ހުރީ ފިސާރި އުފާވެފައެވެ.
[މަންމާ...އެކަމަކު އަހަންނަކަށް ޒޭނާގެ ހަނދާންތަކާ ދުރަކަށް ނުދެވޭނެ. އަހަންނަށް ޒޭނާގެ ލޯތްބާނުލާ އުފާވެރި ބާއްޖަވެރި ޙަޔާތެއް އާރާސްތު ނުކުރެވޭނެ.] ނާއިލްވެސް އެނދުގެ އެއްފަރާތުގައި އިށީނދެއްޖެއެވެ. އެހިނދު ނާޒިމާ، ދަރިފުޅުގެ ވާހަކަތަކާމެދު ވަރަށް ފުންކޮށް ވިސްނާލިއެވެ.
[ދަރިފުޅު އެއްވެސް މަސައްކަތެއް ނުކޮށް، ހިތްވަރު ނުނެރެއެއް ތިހަނދާންތަކާ ދުރަށް ދިޔުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އެކަމަކު ދަރިފުޅު ޢައިޝާއާއެކު ރަނގަޅަށް އުޅެން މަސައްކަތް ކޮށްފިއްޔާ، ހުރިހާ ކަމެއްވެސް ޙައްލުވާނެ.] ނާޒިމާ، ނާއިލްގެ ގާތަށް އައިސް ނާއިލްގެ ބޮލުގައި ފިރުމާލިއެވެ.
އެދުވަހު ނާޒިމާ، އޭނާގެ ކޮޓަރީގައި ހުރެ ޒޭނާއަށް ގުޅިވެސްމެއެވެ. އޭނާ ޒޭނާ ގާތު އެދުނީ ޢައިޝާއާއެކު އުޅުމަށް ނާއިލަށް ނަޞޭޙަތްތެރިވުމަށެވެ.
[ދަރިފުޅާ...ޒޭނާ....ދަރިފުޅާ ނާއިލަށް ކައިވެނި ނުކުރެވުނު ކަމުގައިވީ ނަމަވެސް، މިއީ ދަރިފުޅާ ދުރު މީހަކަށް ނެހެދޭނެ. މިއީ ތިޔަ ދަރިފުޅުގެ ބޮޑުދައިތަ. ދައްތަ ބޭނުމެއް ނޫން މިދެމެދު އެއްވެސް ދުރުހިލޭ ކަމެއް ބާއްވާކަށް. ދައްތަ ވަރަށް ބޮޑަށް އެދެން، ދަރިފުޅު ނާއިލަށް ނަޞޭޙަތްތެރިވުމަށް...މިހާރު ޢައިޝާ އެއިނީ ނާއިލްގެ ދަރިފުޅަކަށް ބަލިވެ. އެކަމަކުވެސް އޭނާ އެއްވެސް ވަރަކަށް ޢައިޝާއަކަށް އަޅައެއްނުލާ....ނިކަން ދަރިފުޅު ނާއިލަށް ގުޅާފައި ނަޞޭޙަތްތެރިވެބަލަ.] ނާޒިމާ އެދުނެވެ.
[ދައްތާ...ނާއިލާ ވާހަކަ ދެއްކޭތޯ އަހަރެން މަސައްކަތް ކުރާނަން.] މިހެން ބުނެވުނުއިރު، ޒޭނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ފަށައިފިއެވެ. އެހެންމެ ނާޒިމާއަށް ފާހަގަކުރެވިދާނޭ ވަރަށް ރޮވިދާނޭހެން ހީވުމާއެކު އޭނާ ފޯނު ބޭއްވިއެވެ. ދައްތަގެ އެދުމުގެ މަތިން ނާއިލަށް ގުޅަން އޭނާ ނިންމި ކަމުގައިވިޔަސް، އެކަން ކުރެވޭނީ ވަރަށްބޮޑު ހިތްވަރެއް ލިބިގެނެވެ. އެއްވެސް ގޮތަކުން ތުއްތު ކުއްޖަކަށް ދެރަ ލިބިގެން ދިޔުމަކީ އޭނާ ރުހޭ ކަމެއް ނޫނެވެ.
ދަރިއަކު ބައްޕަގެ ލޯބިން މަޙްރޫމްވުމުން ލިބޭނޭ ހިތްދަތިކަން އޭނާވަނީ ޙަޔާތުގައި ވަރަށް ރަނގަޅަށް ތަޖްރިބާ ކޮށްފައެވެ.
އެހެންވީމާ، ޢައިޝާގެ ބަނޑުގައިވާ ނާއިލްގެ ދަރިފުޅު، ބައްޕަގެ ލޯބިން މަޙްރޫމްވާނޭ ފުރްޞަތު އޭނާގެ ސަބަބުން މެދުވެރިވާކަށް އޭނާ ބޭނުމެއް ނޫނެވެ.
[ނާއިލްދެކެ އަހަންނަށް ކިތަންމެވަރަކަށް ލޯބިވެވުނަސް، މިހާރު އޭނާ އެވަނީ އަހަރެންގެ އަތްފޯރާ ހިސާބަށްވުރެން މާބޮޑަށްވެސް ދުރުވެފައި. އާނ....ޢައިޝާގެ ބަނޑުގައިވާ ދަރިފުޅަކީ އަހަންނާ ނާއިލާ ދެމެދު ލެވިފައިވާ ފާރެއް. އެފާރު ތަޅާލުމަށްފަހު، ކަމެއް ކުރުމުގެ ހިތްވަރެއް އަހަންނަކަށް ނުލިބޭނެ. އަހަރެން ނާއިލަށް ގުޅާފައި، ދައްތަ ދެއްކި ވާހަކަތައް ދައްކާނަން. ޢައިޝާއާއެކު އުޅޭށޭ ބުނެވޭތޯ...މަސައްކަތް ކުރާނަން.] ޒޭނާއަށް ހިތާހިތާ ބުނެވުނެވެ.
އޭރު އޭނާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުންދަނީއެވެ. އިސާހިތު އޭނާގެ މޫނުމަތީގެ ތާޒާކަން ގެއްލިއްޖެއެވެ.
އޭނާ ނާއިލަށް ގުޅުމަށްޓަކައި ފޯނު ނަގައިފިއެވެ. ނަމަވެސް، އޭނާއަކަށް ހިތްވަރެއް ނުލިބުނެވެ. އެހެން ހިތަށް އެރުމާއެކުވެސް އެފަކީރަށް ރޮވެނީއެވެ.
[ހިތްވަރެއް ނެތް...ހިތްވަރެއް ނެތް...] ޒޭނާ ރޮމުން ގިސްލަމުން އެނދުމައްޗަށް ވެއްޓިގެންފިއެވެ.
[އަހަންނަށް ނާއިލާނުލާ ނޫޅެވޭނެ...އެކަމަކުވެސް އަހަންނަށްޓަކައި ނާއިލްވަނީ ގެއްލިގެން ގޮސްފައި....] ޒޭނާއަށް މިހާރު ގިސްލަ ގިސްލާފައި ރޮވެނީއެވެ.
އެވަގުތު ނާއިލަށް ގުޅޭތޯ އޭނާ ކިތަންމެ ހިތްވަރު ކުރަން އުޅުނަސް، އޭނާއަކަށް އެކަމެއް ކާމިޔާބެއް ނުވިއެވެ. ފޯނުން ނާއިލްގެ ނަންބަރަށް ފިތާކަށް އޭނާއަކަށް ކުޅަދާނައެއް ނުވިއެވެ.
އެންމެފަހުން ނާއިލަށް ނުގުޅުނު ކަމުގައިވިޔަސް، ހައިޝަމްއާ ކައިވެނިކޮށްގެން ނާއިލާ ދުރަށްދެވޭތޯ މަސައްކަތް ކުރަން އޭނާ ނިންމިއެވެ.
ނަމަވެސް، ހިތުގެ އަޑިން އަމިއްލައަށް އެކަން ނިންމި ކަމުގައިވީނަމަވެސް، އޭނާ އެހެން އެއްވެސް މީހެއްގެ ގާތަކު އެދުވަހު އެވާހަކައެއް ނުދައްކައެވެ. ހަމައެކަނި އޭނާ މަންމަގާތު ތިމަންނާ ނާއިލްގެ ހަނދާންތަކުން މުޅިން ދުރަށް ދެވޭތޯ މަސައްކަތް ކުރަން ނިންމައިފީމޭ ބުނުން ފިޔަވައެވެ.
[މަންމާ...ނާއިލާ ދުރަށް ދިޔުމަށްޓަކައި ނާއިލްގެ ހަނދާންތަކުން މިންޖުވުމަށްޓަކައި ކުރެވެންހުރި ކަމެއްވިއްޔާ، ކުރަން އަހަރެން ނިންމައިފިން މިހާރު. ހިތާދެކޮޅަށް ނަމަވެސް، މިކަންކޮށް ނާއިލްގެ ޢާއިލާއަށް އުފާވެރިކަން ހޯދައިދޭން އަހަރެން ބޭނުން.] ޒޭނާ ނުހަނު ފުން އަސަރާއެކު މަންމައާ މުޚާޠަބު ކުރިއެވެ.
[ދަރިފުޅާ، ތިޔައިގެ މާނައަކީ ދަރިފުޅު ހައިޝަމްއާ އިންނަން އެއްބަސްވީއޭތަ؟] ޒާހިދާ ހިސާބަކަށް ހިނިތުންވުމުގެ އަސަރު، ތުންފަތްމައްޗަށް ވެރިކުރުވައިގެންހުރެ ދަރިފުޅާ ގާތަށް ޖެހިލިއެވެ.
[މީހަކާ ނީނދެ ހުންނަން ޖެހުނު ކަމުގައިވިޔަސް އެބަޖެހޭ ނާއިލާ ދުރަށްދާން. މަންމާ، ޢައިޝާ އިނީ މިހާރު ނާއިލްގެ ފުރަތަމަ ދަރިފުޅަށް ބަލިވެ. ދެން ޢަމުދުން އެދަރިފުޅު މަންމައާއި ބައްޕަގެ ލޯބިން މަޙްރޫމް ވެދާނޭފަދަ އެއްވެސް ކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނޫން.] ޒޭނާގެ ލޮލުން ކަރުނަ ހިލެން ފަށައިފިއެވެ.
[މަންމައަށްވެސް ފެންނަނީ ނާއިލާ މުޅިން ވަކިވާން. އެހެން ނޫނީ ދަރިފުޅަކަށްވެސް އަދި ނާއިލަށްވެސް އުފާވެރި ކަމެއް ނެތް. އެންމެ ރަނގަޅު ގޮތަކީ ވީހާވެސް އަވަހަކަށް ދަރިފުޅުދެކެ ލޯބިވާ މީހަކާ އިނުން. މަންމައަށް ފެންނަ ގޮތުގައި އެމީހަކީ ހައިޝަމް. ހައިޝަމް ދަރިފުޅުދެކެ ވަރަށް ލޯބިވޭ. އޭނާ އުޅޭގޮތުން މަންމައަށްވެސް އެކަން އެނގޭ.] ޒާހިދާ ޒޭނާގެ ބޮލުގައި ފިސާރި ލޯތްބާއެކު ފިރުމާލިއެވެ.
[އޭނާޔާ އިނަސް އަދި ކޮންމެ މީހަކާ އިނަސް، އަހަރެން ހަމައަކަށް އެޅެން ދުވަސްތަކެއް ދެމިގެންދާނެ. ހިތަށްއަރަނީ ކައިވެންޏެއް ކޮށްގެން އުޅެމުންވެސް އެމީހަކަށް ލޯތްބާއި އޯގާތެރިކަން ނުދެވޭނަމަ، އެމީހަކު ފޫހިވެގެން ހިނގައިދާނެޔޭ.....]
ޒޭނާއަކަށް އޭނާގެ ނަފްސަށް ބާރުފޯރުވައިގެން ވަކިގޮތަކަށް އަނބުރާލެވިދާނޭ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
އޭނާ އެކަނިވާ ކޮންމެ ފަހަރަކުވެސް ލޯމަތިން ސިފަވަމުންދަނީ ނާއިލްގެ ލޯތްބާއި، އެލޯބިވެތި ދުވަސްތަކުގެ ހަނދާންތަކެވެ. ނާއިލް ޢައިޝާއާ ކައިވެނިކޮށްގެން އާކޮޅުމަތީގައިވެސް ނާއިލްގެ މަތިން ހަނދާން ނައްތާލެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް، އޭނާ ކުރި މަސައްކަތްތަކެއް ކާމިޔާބުވާ ގޮތެއް ނުވިއެވެ.
އެދުވަސްވަރު އޭނާ ނާއިލަށް ނުފެނި އުޅެވޭތޯވެސް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް، އެކަންވެސް ކާމިޔާބުވާ ގޮތެއްނުވީ، އެދެމީހުންގެ މެދުގައި އުފެދިފައިވާ ވަރުގަދަ ލޯތްބެއްގެ ސަބަބުންނެވެ.
ޙަޤީޤަތުގައި އެދެލޯބިވެރިންވެސް އެކަކު އަނެކަކަށް ޤަބޫލު ކުރެވޭ ގޮތުގައި، އެދެމީހުންނަކީވެސް އިތުރު މީހެއްގެ ޙަޔާތަށް އަލިކަމާއި ރޯޝަންކަން ގެނެސްދެވޭނޭ މީހެއް ނޫނެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު