ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުގެ ވިސްނުމަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި އޭގެ ޝިކާރައަށްވާ މީހުން ތަފާތުކުރުން ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭން ހުޅުމީދޫގައި ހެދި ޑްރަގް ޓްރީޓްމަންޓް އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަަމުންނެެވެ. މި ސެންޓަރު ހުޅުއްވައިދެއްވީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.



އިންޑިޔާ ސަރުކާރުގެ އެހީގައި އިމާރާތްކޮށް ހުޅުވި މި ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިން ފައިދާ ނަގާ މީހުންނާއި އޭގެ ޝިކާރައަަކަށްވާ މީހުންނަށް މީގެ ކުރިން އަދަބު ދެމުންދިޔައީ އެއް ހަމަޔަކުން ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ ޑްރަގު ވިޔަފާރި ކުރާ މީހުންނާއި އޭގެ ވިކްޓްމައިޒް ނުވަތަ ޝިކާރައަކަށްވާ މީހުން ތަފާތުކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

"މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން އެ ވިޔަފާރިން ފައިދާ ނަގާ މީހުންނާއި އެމީހުން އެތެރެކުރާ މަސްތުވާތަކެތީގެ ވަބާއިން ވިކްޓިމައިޒް ވެފައި ތިބި މީހުންނާއި މި ތަފާތު ގެންނަން، އެއީ މިއަދުގެ ސަރުކާރުގެ ވިސްނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅަކީ." އދ. ޢާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޝާހިދު ވިދާޅުވިއެވެެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިޔާގެ އެހީތެރިކަމާއި އެކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ދޮރުތައް ބަންދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އެކަމަށް ހުރަސް އަޅަން ބަޔަކު މަސައްކަތް ކުރާތަން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެެ.

"ޒާތްޒާތުގެ ނަންނަމުގައި ޒާތްޒާތުގެ ބަހަނާގައި ނުކުމެ މި މަސައްކަތަށް މި ނުރައްކާތެރި ވަބާއިން އަޅުގަނޑުމެން ސަލާމަތްވާން މިންޖުވާން މި ކުރާ މަސައްކަތަށް ހުރަސް އެޅުމަށްޓަކައި މަސައްކަތް ކުރާ މީހުން އެ ތިބީ ފެންނަން." ކުރީގެ ރައީސް ޔާމިން އިސްވެ ހުންނަވާ އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ ހިންގަވާ ކެމްޕޭނަށް އިޝާރަތް ކުރައްވަމުން ޝާހިދު ވިދާޅުވިއެވެ.

ހުޅުމީދޫ ޑްރަގް ޓްރީޓްމަންޓް އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު މިއަދު ހުޅުވާފައިވީ ނަމަވެސް، އެތަން އިމާރާތްކުރުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ. ރެއިންބޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހެދި އެ ސެންޓަރުގެ އަމަލީ މަސައްކަތް ފެށީ 2020 ވަނަ އަހަރު ޑިސެންބަރުގެ ތެރޭގައެެވެ.

އިންޑިއާ ސަރުކާރުން 7.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަށް ދިވެހި ސަރުކާރުން 7.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެެ.

މި ސެންޓަރުގައި 24 މުވައްޒަފުން ހަރަކާތްތެރިވާއިރު އަންނަ ހަފްތާގައި 20 ފަރާތަކަށް ފަރުވާ ދިނުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު