އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖްކްސް (އެޗްއައިސީޑީޕީ) ގެ ދަށުން އިތުރު ހަތް ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމަށް ނިންމައިފައިވާ ކަމަަށް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމީދޫ ޑިޓޮކްސް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖޭގައި އިތުރު 7 ހައި އިމްޕެކްޓް ޕްރޮޖެކްޓު ހިންގުމަށް އެހީވުމަށް ނިންމާފައިވާ ކަމަށެވެ. އޭގެތެރޭގައި އައްޑޫ ހޮސްޕިޓަލުގައި މެންޓަލް ހެލްތު ޔުނިޓެއް ގާއިމުކުރުން ވެސް ހިމެނޭ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.

މީގެ އިތުރުން ޖައިޝަންކަރު ވަނީ އިންޑިއާގެ އެހީގައި މިހާތަނަށް ރާއްޖޭގައި ހައި އިމްޕެކްޓް 20 މަޝްރޫއެއް ހިންގަމުން އަންނަ ކަން ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއާއި މަސްވެރިކަމާއި ފަތުރުވެރިކަން އަދި ކުޅިވަރުގެ ދާއިރާއާ ގުޅުންހުރި ޕްރޮޖެކްޓުތައް ހިމެނޭކަަމަށް އޭނާ ވިދާޅުވިއެވެެ. ޖައިޝަންކަރު ވަނީ މީގެތެރެއިން 9 ޕްރޮޖެކްޓެއް ހިންގަމުން އަންނަނީ އައްޑޫގައި ކަން ފާހަަގަކުރައްވާފައެވެ.

އިންޑިއާ އެމްބަސީން މީގެ ކުރިން ބުނީ ހައި އިމްޕެކްޓް ގްރާންޓް މަޝްރޫއުތަކަކީ އިންޑިއާ-ރާއްޖެ ތަރައްގީގެ ޕާޓްނަރޝިޕްގެ މުހިންމު އެއް ތަނބުކަމަށެވެ. މި މަޝްރޫޢުތައް ފަރުމާކުރެވިފައިވަނީ ރަށްރަށުގެ ބޭނުންތަކަށް ފެތޭގޮތަށްކަން ފާހަގަކޮށްލެވެއެވެ.

ޖައިޝަންކަރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ އިންޑިއާގެ އެހީގައި އައްޑޫގައި އިމާރާތް ކުރި ޕޮލިސް އެކެޑެމީއާއި މަގު ހެދުމުގެ ބިޔަ މަޝްރޫއު ވެސް އިފްތިތާޙްކޮށްދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު