އެމްއެންޕީ
އެމްއެންޕީ
ގއ. ވިލިނގިލީ ކައުންސިލްގެ ކަންބޮޑުވުމަކީ މައި ސަރުކާރުގެ އެއްބާރުލުން ނުލިބުންކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ ގއ. ވިލިނގިލި ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ގައެވެ.

އިއްޔެ ވިލިނގިލީގައި ބޭއްވި މި ބައްދަލުވުމުގައި، އެ ރަށުގެ ތަރައްޤީއާއި ގުޅުންހުރި ކަންކަން ރޭވުމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުވުމަށްފަހު އެމްއެންޕީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން ބާރުވެރި ކުރުވުމުގެ ބޭނުމުގައި ވޯޓުލައިގެން، ކައުންސިލަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއެއް ހޮވިކަމުގައި ވީނަމަވެސް، މައިސަރުކާރުކާރުގެ ހެޔޮ ނިޔަތާއި އެއްބާރުލުން ނުލިބި ކައުންސިލްތަކަށް ރަށް ތަރައްޤީ ނުކުރެވޭނެކަމަށް އެ ރަށު ކައުންސިލާއި އަންހެނުންގެ ކޮމެޓީން ބުނެފައި ވާކަމަށެވެ.

މި ބައްދަލުވުމުގައި ވިލިނގިލީގެ އެކިކަންކަމުގައި އެމްއެންޕީއަށް އެހީތެރިވެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވެއެވެ.

އެމްއެންޕީގެ ނާއިބު ރައީސް ޝަރީފް، ވިލިނގިލީ ކައުންސިލާއި ބައްދަލު ކުރައްވާފައި މިވަނީ އެ ޕާޓީގެ ސައުތު ރީޖަންގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައެވެ.

އެމްއެންޕީއަކީ މިދިޔަ އަހަރުގެ ތެރޭގައި އުފެއްދި ޕާޓީއެކެވެ. ނަމަވެސް މިވީ ކުރު މުއްދަތުގެ ތެރޭގައި އެމްއެންޕީން ވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެ ޕާޓީއަށް ވަންނަ މެންބަރުންގެ އަދަދު އެއްދުވަހަށްވުރެ އަނެއް ދުވަހު އިތުރުވަމުން ދާކަން ޕާޓީން ފާހަގަ ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު