ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އިންޑިޔާގެ އުނގަށްވެސް އަދި ޗައިނާގެ އުނގަށްވެސް ނުވެއްޓި"'ނިއުޓްރަލް" ޤައުމެއްގެ ގޮތުގައި އޮތުންކަމަށް ކުރީގެ ހޯމް މިނިސްްޓަރ އުމަރު ނަސީރު ސިފަކުރައްވައިފިއެވެ.

ފޭސްބުކްގައި އުމަރު އާއްމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގައި ހުޅުވި މަރުކަޒުގެ ބޭރު ނަންފިލާގަޑުގައި 'ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯރސްމަންޓް' ލިޔެފައިވީނަމަވެސް، އެތަން މިހާރު ފަރުމާ ކުރެވިފައިއެވަނީ އިންޑިޔާގެ މިލިޓަރީ ބޭހެއްގެގޮތުގައި ނުރަސްމީކޮށް ބޭނުން ކުރެވޭ ގޮތަށްކަމަށެވެ. އަދި ބޮޑެތި ބާރުތަކުން ކުދި ޤައުމުތަކަށް ވަދެގަންނަނީ މިފަދަ ނަންފިލާގަޑުތައް ބޭނުން ކޮށްގެންކަމަށާއި މީގެ 12 އަހަރު ކުރިން ބަލި މީހުން އުފުލައިދިނުމުގެ ނަމުގައި ހެލިކޮޕްޓަރެއް ދުއްވައިދޭން އައި މީހުން ފުޅާކޮށް އުޅަނދުތައް އިތުރުކޮށްފައިވުން އެއީ މީގެ މިސާލެއްކަމަށް އުމަރު ވިދާޅުވިއެވެ.

އެހެންކަމުން ހުޅުވިގެންދިޔަ މިމަރުކަޒުގައި އިންޑިޔާގެ ފުލުހުންނަށް ތަމްރީން ދެވޭގޮތަށް ހެދުނު އެއްބަސްވުމަކީވެސް މި ކަމުގެ އަލިގަދަ ހެއްކެކްކަމަށާއި، އެއީ މެދުކެޑުމެއްނެތި އިންޑިޔާގެ ގިނަ އަދަދެއްގެ ފުލުހުން (ނުވަތަ ސިފައިން) ތަމްރީން ހޯދުމުގެ ނަމުގަޔާއި ތަމްރީންދޭ އިންސްޓްރަކްޓަރުންގެ ނަމުގައި އެމަރުކަޒުގައި ތިބުމަށް މަގުފަހިކުރުމަށް ހުޅުވި ދޮރެއްކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އިންޑިޔާގެ ފުލުހުންނަކީ ހަތިޔާރު ގެންގުޅޭ ބަޔަކަށް ވާތީ، އިންޑިޔާގެ ފުލުހުން ތަމްރީން ކުރާނަމަ ހަތިޔާރުގެ ތަމްރީންވެސް ބޭނުންވާނެތީ، ހަތިޔާރު ރައްކާކޮށް ގެންގުޅެވޭނެ ގޮތްވެސް ލަހެއްއްނުވެ ހަމަޖައްސާނެކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށެވެ. އަދި ރާއްޖޭގައި މި ބެހެއްޓި 10 ރާޑަރު ސްޓޭޝަނަކީވެސް އިންޑިޔާގެ ސަލާމަތަށްޓަކައި ބެހެއްޓި ތަކެތިކަމަށާއި މި ރާޑަރު ތަކުގެ މައިގަޑު ބޭނުމަކީ ޗައިނާ ގެ އުޅަނދުތަކަށް ފާރަލުމާއެކު އިންޑިޔާ ކަނޑުގެ މައްޗަށް ބާރުގަދަ ކުރުންކަމަށް އުމަރު ތުހުމަތު ކުރެއްވިއެވެ.

އުމަރު ވިދާޅުވީ ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އިންޑިޔާގެ އުނގަށްވެސް އަދި ޗައިނާގެ އުނގަށްވެސް ނުވެއްޓި "ނިއުޓްރަލް" ޤައުމެއްގެ ގޮތުގައި އޮތުންކަމަށެވެ. އަދި އިންޑިޔާއާއި ޗައިނާގެ ކޯޅުމުގެ ތެރެއަށް ނުވަދެ ތިބުމަކީ ސަލާމަތީ ގޮތުންނާ އިޤްތިސާދީ ގޮތުންވެސް ދިވެހިންނަށް އެންމެ ބުއްދިވެރިގޮތްކަމަށް އުމަރު ވިދާޅުވިއެވެ.

އިއްޔެ ހުޅުވި "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯރސްމަންޓް" އިންޑިއާގެ ބޭހެއްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް އެކަން ސަރުކާރުން ދޮގުކުރެއެވެ. އިންޑިއާ ސަރުކާރުން ވެސް ބުނީ އެއީ ދިވެހި ސަރުކާރުގެ ފުރިހަމަ ބާރުހިނގާ ތަމްރީން މަރުކަޒެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު