ރޯދައާއި ދިމާކޮށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި (ޕެރިޝަބަލް ގުޑްސް) ގިނަ އަދަދަކަށް ހިތަދޫ ޕޯޓަށް ގެންގޮސްފިއެވެ.

ސަރުކާރުގެ، ޝިޕިންގ ކުންފުނި، އެމްއެސްއެސްގެ އެމްވީ ބޮންތި2 ވަނީ މާރޗު މަހުގެ 27 ވަނަ ދުވަހު ހިތަދޫ ޕޯޓަށް ބަނދަރުކޮށްފައެވެ. މިފަހަރު ޝިޕްމަންޓް ރޯދައަށް ހާއްސަކޮށްފައިވާއިރު، އޭގެތެރޭގައި 8593 ކޭސް ބިސް 7940 ބަސްތާ ފިޔާ، 2525 ބަސްތަ އަލުވި ހިމެނެއެވެ.

މީގެ އިތުރުން، 340 ބަސްތާ ކެބެޖު، 348 ބަސްތާ ތޮމާޓޯ، 170 ދޮންކެޔޮ ގަނޑު، 24 ބަސްތާ ބަރަބޯ އަދި 980 ބަސްތާ ކަރާވެސް ވަނީ ގެންގޮސްފައެވެ. މީގެއިތުރުން، މި ޝިޕްމަންޓްގައި 110 ބަސްތާ އަލަނާސި ވެސް ހިމެނެއެވެ.

ހިތަދޫ ޕޯޓުގެ ޗީފް މެނޭޖަރ އިބްރާހިމް ރަޝީދު ވިދާޅުވީ، ހަލާކުވާ ޒާތުގެ ކާބޯތަކެތި (ޕެރިޝަބަލް ގުޑްސް) މިއަދު އެއްކޮށް ކްލިއަރކޮށް ނިމެނޭކަމަށެވެ. އަދި، ގެނައި ތަކެތީގެ ތެރޭގައި ގިނައީ އެސްޓީއޯގެ މުދާކަމަށާއި އާންމު ވިޔަފާރިވެރިން ރޯދައަށް ހާއްސަކޮށް ގެނައި މުދާވެސް ހިމެނޭކަމަށް އިބްރާހިމް ވިދާޅުވިއެވެ.

މިއީ އާންމުކޮށް އައްޑޫއަށް މަހެއްގެ މައްޗަށް ގެންދާ މުދަލުގެ ނިސްބަތަށް ބަލާއިރު ބޮޑުތަނުން އިތުރު އަދަދެކެވެ. ޖުމްލަ 2439.334 ޓަނު ކާގޯ މި ބޯޓުގައި އައްޑުއަށް ވަނީ ގެންގޮސްފައެވެ.

މީގެ ތެރޭގައި ޕެރިޝަބަލް ގުޑްސްގެ އިތުރަށް 70.88 ޓަނު ޕްރޮޖެކްޓް ކާގޯ އަދި 1000 ބަސްތާ ސިމެންތި ހިމެނެއެވެ.

ކުރިޔަށް އޮތް 2 ދުވަސްތެރޭ މި ދެ ބާވަތުގެ ކާގޯ ބޯޓުން ބާލައި ކްލިއަރ ކުރެވޭނެކަމަށްވެސް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން