ރައީސް ސާލިހު އައްޑޫގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއެއް ބައްލަވާލައްވަނީ
ރައީސް ސާލިހު އައްޑޫގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއެއް ބައްލަވާލައްވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން މިހާތަނަށް އެމްޓީސީސީއާ ހަވާލުކޮށްގެން މިދިޔަ 3 އަހަރު ތެރޭގައި 3.5 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާފައިވާކަމަށާއި، އިތުރު 6 ބިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށް ރޭވިފައި އެބަހުރިކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ މީދޫގައި ސަރުކާރުން ހަވާލުކޮށްގެން އެމްޓިސީސީން ތަރައްގީކުރި ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ރާއްޖޭގައި ތަރައްޤީގެ މަސައްކަތް ކުރިއަށް ނުދާ އެންމެ ރަށެއްވެސް ނެތްކަމަށެވެ. އެގޮތުން 103 މަޝްރޫޢުގެ މަސައްކަތް މިހާރު ކުރަމުންދާއިރު 3 އަހަރު ތެރޭގައި 98 މަޝްރޫޢެއް ނިންމާފައިވާކަމަށާއި، އެއީ 3.5 ބިލިއަން ރުފިޔާގެ މަސައްކަތްކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އަގު 6 ބިލިއަނަށް އަރާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން މިވަގުތު ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި 3 އެއަރޕޯޓެއްގެ މަސައްކަތާއި، 3 ކޯޒްވޭއާއި، 43 ބަނދަރުގެ މަސައްކަތާއި 7 ޕޯޓާއި، 33 ބަނދަރުގެ މަސައްކަތާއި 7 މަގުހެދުމުގެ މަޝްރޫއާއި ފެނާއި ނަރުދަމާގެ 1 މަޝްރޫޢު ހިމެނޭކަމަށެވެ. އަދި ވަރުބަލިކަމެެއް ނެތި ރައީސްގެ ހުރިހާ ވަޢުދެއް ރައީސްގެ ދައުރުގެ ތެރޭގައި ނިންމައިދޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

"ރައީސް ވިދާޅުވި ކޮންމެ ރަށެއްގައި ބަނދަރުގައި މީހުން އަރާ ފޭބުމުގައި ތިބެން ހިޔާ ހުންނަންޖެހޭކަމަށް. އިރާދަކުރެއްވިއްޔާ ރައީސްގެ ދައުރު ނިމެންވާއިރަށް 180 ރަށުގައި ހިޔާ އަޅާ ނިންމާނަން." އާޒިމް ވިދާޅުވިއެވެ.

މީދޫގައި ތަރައްޤީކުރި ބަނދަރަކީ ނެރު ފުންކޮށް ބަނދަރު ފުންކޮށް 115 މީޓަރުގެ ބޭރުތޮށި ޖަހައި 496 މީޓަރުގެ އެއްގަމު ތޮއްޓެއް ޤާއިމްކޮށްފައެވެ. އަދި ބަނދަރުގެ ރޭމްޕު ހަދައި އެއްގަމު ތޮށި ވަށައިގެން ޕޭމަންޓް ހަދައި ފެން ހިންދޭނެ ނިޒާމް ޤާއިމްކޮށް ނެތުބައްތި ޖަހައި މޫރިން ބޮއި ވަނީ ހަރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު