ހައްދުންމަތީ ގަމު ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިމައްސަލަ ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ގަމު ރީޖަނަލް ހޮސްޕިޓަލަކީ ލ އަތޮޅުގެ ގިނަ ރަށްތަކެއްގެ ރައްޔިތުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެއްކަމަށެވެ. ނަމަވެސް ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުންދާކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބެމުންދާކަމަށް ސައީދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވެއެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ކުޑަވުމާއި ހިންގުމުގެ ހަރުދަނާނުވުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާކަންވެސް ސައީދު ފާހަގަކުރެއްވިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ އަޤްލަބިއްޔަތުން ވަނީ މިމައްސަލައަށް ބަހުސްކުރުމަށް ފާސްވެފައެވެ.

މައްސަލައިގެ ބަހުސްގައި ވާހަކަދެއްކެވި މެމްބަރުންގެ ތެރެއިން މިމައްސަލައަށް ތާއީދުކުރެއްވީ ރައީސް ނަޝީދަށް ތާއިދުކުރާ ފަރާތްތަކާއި ޕީޕީއެމަށް ތާއީދުކުރާ މެމްބަރުންނެވެ. ރައީސް ސާލިހުގެ ފެކްޝަންގެ މެންބަރުން މި މައްސަލައަށް ތާއީދެއް ނުކުރެއެވެ.

ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ މިއީ ސަރުކާރަށް ޖެއްސުންކުރުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައެއްކަމަށެވެ. އަދި ސަރުކާރުން ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކުރަން މަސައްކަތްކުރާކަން މެމްބަރުން ފާހަގަކުރެއްވިއެވެ.

ނަމަވެސް އިދިކޮޅު މެމްބަރުން ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމާއި މެދު ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުން އޮތްކަމަށެވެ. އަދި އެކަންކަން ކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރާކަން މެމްބަރުން ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު