އަހުމަދު މަސްނޫމް   29 މާރިޗު 2022 - 15:40
10 ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުން ހޯދަން ޖޭއެސްސީން ޢިއުލާންކޮށްފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން އިއުލާންކޮށްފައިވަނީ 2 ރަށަކަށް އިސް މެޖިސްޓްރޭޓުން އަދި 8 ރަށެއްގެ ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށެވެ.

އިސް މެޖިސްޓްރޭޓުން ހޯދަން ޢިއުލާންކޮށްފައިވަނީ، ދ. ކުޑަހުވަދޫ އަދި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފައިވަނީ، ގދ. ފަރެސްމާތޮޑާ، ފ. ފީއަލީ، ބ. ދަރަވަންދޫ، ތ. ގުރައިދޫ، ށ. ކޮމަންޑޫ، ށ. ފުނަދޫ، ހދ. ނޮޅިވަރަމް އަދި ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

ޖޭއެސްސީން ބުނީ މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އޭޕްރީލްމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.



މެޖިސްޓްރޭޓުންގެ މަޤާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރުވުމާއި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ އޮތުން ހިމެނެއެވެ. މީގެއިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވާންޖެހެއެވެ.

މެޖިސްޓްރޭޓުންނަށް މުސާރައާއި އެލަވަންސްތައް ހިމެނޭހެން 23450 ރުފިޔާއާއި ޤާނޫނުގައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ. އަދި އިސް މެޖިސްޓްރޭޓުންނަށް އެލަވަންސްތަކާއެކު މުސާރައިގެ ގޮތުގައި 25600 ރުފިޔާއާއި ޤާނޫނުގައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު