އިންޑިއާގެ ފުލުހުން ރާއްޖޭގައި ތިބެވޭނެ އެއްބަސްވުމެއް ހެދުމުގެ ގާނޫނީ ބާރެއް ފުލުހުންނަކަށް ނޯންނާނެކަމަށް އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ އިންޑިއާގެ ފުލުހުންނަށް ރާއްޖޭގެ ފުލުހުންނާއި އެކީ ތިބެވޭނެ އެއްބަސްވުމެއް ޤާއިމްކުރިކަމަށް ބުނާ ހަބަރާއި ގުޅިގެންނެވެ. މި އެއްބަސްވުން ގާއިމުކުރީ އައްޑޫގައި ޤާއިމްކުރީ ޕޮލިސް އެކެޑަމީ ހުޅުވި ދުވަހުއެވެ.

އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންޑިއާގެ ފުލުހުން ރާއްޖޭގައި ތިބެވޭނެ އެއްބަސްވުމެއް ހެދުމުގެ ގާނޫނީ ބާރެއް ފުލުހުންނަށް ނޯންނާނެކަމަށެވެ. ނަމަވެސް އިމިގްރޭޝަންގެ ގާނޫނުގެ ތެރެއިން ވިސާއޮތުމާއެކު ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބޭރު ގައުމުތަކުގެ މީހުންނަށް އާދެވިދާނެކަމަށާއި އެނޫން ގޮތެއް ނޯންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސަރުކާރުގެ ނިޔަތް ރަނގަޅު ނޫންކަމަށް މީގެ ކުރިންވެސް ބުނެފައިވާނޭކަމަށެވެ. ޝަރީފް ވިދާޅުވީ ރާއްޖޭގެ ސިފައިންނާއި ފުލުހުން އެމީހުންނަށް ބޭނުންވާ ތަނެއް ހެދުމަށް ފަންޑުދޭ ފަރާތުން ބޭނުންވާ ބަޔަކު ރާއްޖޭގައި ބައިތިއްބުމަށް ހުއްދައެއް ނުދެވޭނެކަމަށާއި އަދި އެގްރީމެންޓަކުންވެސް އެ ހުއްދަ ނުދެވޭނެކަމަށެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި ސަރުކާރުގެ މުއައްސަސާއަކާއި އެފަރާތާއެކު ވެވޭ އެގްރީމެންޓެއްގެ ދަށުން ބޭރުގެ އެއްވެސް ބަޔަކަށް ނުތިބެވޭނެކަމަށާއި އަދި އެފަދަ އެގްރީމެންޓެއް ވާނީ ބާތިލް އެއްބަސްވުމަކަށްކަމަށެވެ.

"ރާއްޖޭގައި ބޭރުގެ އެއްވެސް ބަޔަކަށް ނުތިބެވޭނެ ސަރުކާރުގެ މުއައްސަސާ އަކާއި އެފަރާތާއި އެކު ވެވޭ އެގްރީމެންޓެއްގެ ދަށުން،އެފަދަ އެގްރީމެންޓެއްވާނީ ބާތިލް އެއްބަސްވުމަކަށް، އެއީ ދެފަރާތަކުން ވެވޭ އެއްބަސްވުމަކީ ގާނޫނެއް، ނުވަތަ އެގާނޫނަކުން ހެދޭ ގަވައިދެއް ނޫން." ޝަރީފް ވިދާޅުވިއެވެ.

އިންޑިއާގެ ފުލުހުންނަށް ރާއްޖޭގެ ފުލުހުންނާއި އެކީ ތިބެވޭ ގޮތަށް ޤާއިމްކުރި އެއްބަސްވުމަކީ އިންޑިއާއާއި ރާއްޖޭގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކޮށް، ތަރައްގީ ކުރުމަށް ކުރެވުނު އެއްބަސްވުމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެއްބަސްވުމުގެ ދަށުން ވަކިން ހާއްސަކޮށް، ގާނޫނު ތަންފީޒު ކުރުމާއި، އިލްމީ އަދި ރިސާޗްގެ ބޭނުމަށް ފެކަލްޓީތަކާއި ރިސޯސް މީހުން ބަދަލުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު