އަހުމަދު މަސްނޫމް   29 މާރިޗު 2022 - 17:15
މިއަހަރު ރޯދަމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ އަންނަ ހުކުރުދުވަހުގެރޭ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަންނަ ރަމަޟާންމަހަށް ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ ހުކުރުދުވަހުގެރޭ 20:30 ގައިކަމަށެވެ.

މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުން ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރުދުވަހެވެ.

ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާން މަހުގެ ހަނދު ބެލުން 29 ޝަޢުބާން ނުވަތަ 1 އޭޕްރީލްވާ ހުކުރު ދުވަހުގެ ހަވީރު 05:30 އިން ފެށިގެން އޮންނާނެކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވެސް ވަނީ ހާމަކޮށްފައެވެ.

ޑީޖޭއޭއިން ބުނީ މިއަހަރު ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ރަމަޟާން މަހުގެ ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ، މާލޭ ކޯޓެއްގެ ޤާޟީ އެއްގެ ކުރިފުޅުމަތީގައި ކަމަށާއި، އަތޮޅުތަކުގައި ނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރިފުޅުމަތީގައި ނުވަތަ މެޖިސްޓްރޭޓަކު ނެތް ރަށެއްގައިނަމަ، އެ ރަށެއްގެ ކައުންސިލްގެ އިދާރާ ހިންގުމާ ޙަވާލުވެ ހުންނެވި ވެރިޔާގެ ކުރިފުޅުމަތީގައި ކަމަށެވެ.

ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި އަމަލުކުރަމުން އަންނަނީ ރާއްޖެއަށް ހަނދު ނުފެނިއްޖެނަމަ ފަލަކީ ހިސާބަށް ބެލުމާއި މުސްލިމް ބޮޑެތި ޤައުމަތަކަށް ހަނދު ފެނޭތޯ ބެލުމެވެ.



ކިޔުންތެރިންގެ ހިޔާލު