މުޖުތަމައުގެ ހަމަޖެހުން ގާއިމުކޮށް ދެމެހެއްޓުމާއި، އެ މުޖުތަމައުގެ ފަރުދުންގެ މިނިވަންކަމާއި އަމަން އަމާންކަން ރައްކާތެރިކޮށްދިނުމާއި، ދައުލަތުގެ ފަރާތުން ލިބެންޖެހޭ އެކަށީގެންވާ ރައްކާތެރިކަން ލިބިދިނުމާއި، ގާނޫނުތައް ތަންފީޒުކޮށް ނެގެހެއްޓުމަކީ ފުލުހުންގެ ޒިންމާގައި ހިމެނޭ ކަންކަމެވެ. ފުލުހުންނަކީ ދައުލަތުގެ ކީރިތި މޫރިތިކަން ދަމަހައްޓައިދީ ފަރުދުންގެ ފަރުދީ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ޒިންމާ އުފުލަމުންދާ ބައެކެވެ. ފުލުހުންގެ ކޮންމެ ޔުނީފޯމަކުން ދައްކައިދެނީ ގައުމާއި ރައްޔިތުންނަށްޓަކައި ކޮށްދެވޭ ހާއްސަ ޚިދުމަތެކެވެ. ފުލުހުންގެ ކޮންމެ ހަރަކާތަކީ މުޖުތަމައަށް އަންނަ ބަދަހިކަމެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފެށިގެން ދިޔައީ 1933 މާރިޗު 29 ވަނަދުވަހު، ރާއްޖޭގެ ކީރިތި މަހާރަދުން، އައްސުލްތާން މުޙައްމަދު ޝަމްސުއްދީން ތިނެއް، ''ފުލުހު މީހުންގެ ގާނޫނު'' ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ. މި ގާނޫނަކީ 1932 ޑިސެންބަރު 22 ވަނަ ދުވަހު ދިވެހިންނަށް ލިބުނު ފުރަތަމަ ގާނޫނު އަސާސީ އެވެ.
މި ގާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ އުފެދުނު ފުލުހުންގެ ފައުޖުގައި ހިމެނެނީ 120 ފުލުހުންނެވެ. މި ފައުޖު ބެހިފައިތިބީ މާލޭގެ ހަތަރު އަވަށުގެ މައްޗަށެވެ. އެއީ މާފަންނު، މައްޗަންގޮޅި އަދި ހެންވޭރު، މިއިން ކޮންމެ އަވަށަކަށް 32 މީހުންނެވެ. ގަލޮޅަށް 24 މީހުންނެވެ. ކޮންމެ އަވަށަކަށް އިނިސްޕެކްޓަރެއް ލައްވާފައި ހުރެއެވެ. އެ އަވަށެއްގެ ބަޔަކު ބަލަހައްޓަނީ ހަމައެކަނި އެ އަވަށެއްގެ ސަލާމަތްތެރިކަމާއި އަމަންއަމާންކަމެވެ.
ފުލުހަށް ހުށައެޅޭ މައްސަލަތައް ފުރަތަމަ އުފުލެނީ އެ އަވަށެއްގެ އަވަށުވެރިޔާގެ އަރިހަށެވެ. އެއަށްފަހު އަވަށުވެރިންނަށް ފެނިވަޑައިގަންނަވާ މައްސަލައެއް ވުޒާރަތުއްދާޚިލިއްޔާއަށް ފޮނުއްވަމުން ގެންދަވައެވެ. މިއުފެދުނު ފުލުހުން އޭގެފަހުން އުވިގެން ދިޔަކަމެއް އެއްވެސް ލިޔުމަކުން އަދި ފެނިފައެއް ނުވެއެވެ.
ފުރަތަމަ އުފެދުނު ފުލުހުންގެ މަހު މުސާރައަކީ މަހަކު ހަނޑޫ މުޅިއެކެވެ. އިތުރު އިނާޔަތެއްގެ ގޮތުން ކޮންމެ އަހަރަކު ދެ ފާތިހާ އާއި ތިން ސަލަވާތާއި ހަތަރު ބޯފޮޅި ދުވަހަށް ކަނޑައެޅިފައިވާ ތަކެތި ލިބެއެވެ. މީގެ އިތުރުން ކޮންމެ އަހަރަކަށް ތިން ޔުނީފޯމް ލިބެއެވެ. ރާއްޖޭގައި ފުލުހުން ފުރަތަމަ ބޭނުންކުރި ޔުނީފޯމަކީ ހުދުލިބާހާއި މުންޑެވެ.
ފުލުހުން އުފެދިގެން އައި ދުވަސްވަރު ރާއްޖޭގައި ވިޔަފާރިކުރަންތިބި ވޯރާ ވިޔަފާރިވެރިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގެ ސަބަބުން ވޯރާ ވިޔަފާރިވެރިން ހަޅުތާލުކޮށް ވިޔަފާރިކުރުން ހުއްޓާލައި ފިހާރަތައް ބަންދުކޮށް ދިވެހިންނަށް ދަތިކުރަމުންދިޔުން ހުއްޓުވޭތޯ ފުލުހުންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށްފަހު އެންމެފަހުން އޭރު ފުލުހުންގެ ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ސިފައިންގެ އެހީއަށް ބޭނުންވުމުން ސިފައިން ފުރިހަމަ ބާރާއެކީ 15 އޯގަސްޓު 1933 ވީ އަންގާރަ ދުވަހު ނުކުމެ ފުލުހުންނަށް ފުރިހަމަ އެހީ ފޯރުކޮށް ދީފައިވެއެވެ. ފެންނަން ހުރި ފަތްފުށްތަކުން އެނގޭގޮތުގައި 15 އޯގަސްޓު 1933 ގެ ފަހުގެ އަހަރުތަކުން ފެށިގެން ފުލުހުންނާއި ސިފައިން މަސައްކަތް ކޮށްފައިވަނީ އެއް ބައެއްގެ ގޮތުގައެވެ.
1940ގެ އަހަރުތަކަށް އެޅުނުއިރު ފުލުހުންގެ މަސައްކަތްކުރާކަށް ވަކި ހާއްސަ ބަޔަކު ނެތެވެ. ފުލުހުންގެ މަސައްކަތް އޭރު ކުރަމުން ދިޔަކަމަށް ލިޔެކިޔުންތަކުން ދައްކަނީ ދިވެހި ސިފައިންނެވެ. ދިވެހި ސިފައިން ކުރަންޖެހޭ ފުލުހުންގެ މަސައްކަތްތަކާއި ރައްޔިތުންގެ ޝަކުވާތަކާއި ތަހުގީގުތައް ހިންގުމަށް "ސިފައިންގެ އޮފީސް / ތަހުގީގާ ބެހޭ ބައި" މިނަމުގައި ފުރަތަމަ އޮފީހެއް ހުޅުވައި ޚިދުމަތް ދޭންފެށީ 1960 އޯގަސްޓު 27 ވަނަ ދުވަހު އެވެ.
އޭރުވެސް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ދިވެހި ފުލުހުން ދިޔައީ އެއިރަކު ލިބެހުން ހުރި ވަސީލަތެއް ބޭނުންކޮށްގެން މިންނަތް މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އޭގެފަހުން 1972 މާރިޗު 13 ވަނަ ދުވަހުން ފެށިގެން ސިފައިންގެ ތެރެއިން 12 މީހަކު ފުލުހުންގެ ގޮތުގައި ކަނޑައަޅައި އައްޔަން ކުރިއެވެ. މި މީހުން ސިފައިންގެ ރަޖިސްޓަރީން އުނިކުރި ނަމަވެސް ދިރިއުޅުމާއި އެހެނިހެން ހުރިހާކަމެއް ހަމަޖެހިފައި އޮތީ ސިފައިންނާއެކުގައި ސިފައިންގެ ތެރޭގައެވެ. ފުލުހުން ހުރިހާކަމެއްގައި ވެސް ރިޕޯޓުކުރަނީ މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ އަށެވެ. 1972 ވަނަ އަހަރު ސިފައިންގެ ތެރެއިން ބަޔަކުވަކިކޮށް އުފެއްދި ފުލުހުން އޭގެފަހުން އަހަރުތަކެއް ވީއިރު ނެތި ހިނގައްޖެއެވެ. މި މީހުން އުވާލިކަން ރަސްމީ ލިޔެކިޔުމަކުން ހޯދިހޯދުންތަކުން އަދި ފެނިފައެއް ނުވެއެވެ.
ކޮންމެއަކަސް، ދިވެހިތާރީހަށް ނަޒަރު ހިންގައިލާއިރު، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޅަފަތުގެ ދައުރުގައި ފުލުހުން ތަހުގީގުކުރި ބޮޑެތި އެތައް ހާދިސާއެއް ހިނގާފައި އެބަހުއްޓެވެ. އުތުރު ގަޑުބަޑާއި ބޮޑުހުޅުގެ ހާދިސާ އާއި ތިނަދޫ ބަޣާވާތުގެ އިތުރުން ދިވެހިރާއްޖޭގައި ބޭއްވި ފުރަތަމަ ސާކްސަމިޓާ ދިމާކޮށް 1990 ސެޕްޓެމްބަރު 2 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ދިވެހިންގެ ބަޔަކު މާލެތެރޭގައި ބޮންގޮއްވި ހާދިސާތަކާއި، 1988 ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާފަދަ ހާދިސާތައް ހިމެނެއެވެ. މި ހާދިސާތަކުގެ ކަންކަން ހޯދައި ބަލައި ތަހުގީގުކޮށް ކާމިޔާބު ކޮށްފައި ވަނީ ވެސް އޭރު ސިފައިންގެ ޚިދުމަތުގައި ދެމިތި ދިވެހި ފުލުހުންނެވެ.
އެޒަމާނުގައި ތަހުގީގު ކުރުން ފަދަ ކަންކަމަކީ މާބޮޑު ކިޔަވައިދިނުމަކާއެކު ކުރެވޭ ކަމެއް ނޫނެވެ. އެ މަސައްކަތްކުރަން ތިބި ބޭފުޅުންގެ ކިބައިގައި ހުރި އާދަޔާހިލާފު ހުޝިޔާރުކަމަކާއެކު މަސައްކަތުގެ ތެރެއިން ހާސިލުކުރާ ތަޖުރިބާއާ އެކު އެފަދަ ކަންތައްތައް ކަނޑައެޅިފައި އޮންނަ ހުދޫދުގެ ތެރޭގައި ކޮށްފައިވާކަމުގައި ދަންނަވަން ޖެހެއެވެ.
އެޒަމާނުގައި ފުލުހުންގެ ކަންކަން މިހެން ހުރިނަމަވެސް 1992 ވަނަ އަހަރު އިނގިރޭސިވިލާތުން ޕޮލިސް އިންސްޕެކްޓަރެއް ގެންނަވައި ފުލުހުންގެ ޚިދުމަތް ޒަމާނާ އެކަށޭނެގޮތަށް ބައްޓަން ކުރުމުގެ މަސައްކަތްކުރެވުނެވެ. ފުލުހުންގެ ޚިދުމަތް ޒަމާނާއެއްގޮތަށް ބައްޓަން ކުރުމަށްޓަކައި ފެށި މި މަސައްކަތުގެ ނަތީޖާ ވަރަށް ވެސް ފޮންޏެވެ. މިގޮތުން ފުލުހުންނަށް ދެވޭ ތަމްރީނުތަކުގެ ފެންވަރު ރަނގަޅުވެ ފުލުހުންގެ ދައުރު މުޅި ރާއްޖެއަށް މަޑުމަޑުން ފުޅާވެ ފައްކާވާން ފެށިއެވެ.
1992 ވަނަ އަހަރާ ހަމައަށް ފުލުހުންގެ ޚިދުމަށް ފޯރުކޮށްދެމުން އައީ މާލެއަށްކަމުގައި ވިޔަސް، ފުލުހުންގެ ޚިދުމަތް ވީހާގާތުން އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ފުލުހުންގެ ޚިދުމަތް މުޅިރާއްޖެއަށް ފުޅާކޮށް، ދެވޭ ޚިދުމަތުގެ ފެންވަރުމަތިކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުނެވެ. މިގޮތުން މާލޭގައި ވިލީ ފުލުސްތައް ހަދައި ރާއްޖޭގެ އަތޮޅުތަކުގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް އެތަންތަނުން އެ އަތޮޅުތަކަށާއި ސަރަހައްދުތަކަށް ފުލުހުންގެ ޚިދުމަތް ދޭންދެށިއެވެ.
އެގޮތުން، 1993 އޮކްޓޫބަރު 06 ވަނަ ދުވަހު ސ. ގަމުގައި ފުލުހުންގެ ޚިދުމަތްދޭން ފެށުނެވެ. މިއީ، މާލެއިން ބޭރުގައި ސިފައިން ގާއިމުވެ ތިބެގެން ފުލުހުންގެ ޚިދުމަތް ދިނުމުގެ ފެށުމެވެ. އޭގެ ފަހުން 1997 ނޮވެންބަރުު 11 ވަނަ ދުވަހު ވިލީ ފުލުހުންގެ ޚިދުމަތް މާލޭގައި ދޭން ފެށުނެވެ. މިއީ ކޮމިއުނިޓީ އޮރިއެންޓެޑް ޕޮލިސިންގެ އަމަލީ ފެށުމެވެ.
ކަޅާއި ހުދުގެ އެ މާޒީ ނެތިގޮސް، 2004 ސެޕްޓެމްބަރު 01 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުގައި ކުލަ ޖެހެން ފެށިއެވެ. ސިފައިންގެ ބެލުމުގެ ދަށުގައި އޭރު އޮތް ދިވެހި ފުލުހުންގެ ޚިދުމަތް މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ވަކިކޮށް ދިވެހި ފުލުހުންނަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުގައި މަސައްކަތްކުރާ ޔުނީފޯމް ސިވިލް ބޮޑީއެއްގޮތުގައި ހަމަޖެއްސިއެވެ. މިއީ، މިރާއްޖޭގައި މަރުކަޒީ ފުލުހުން އުފެދުން ކަމުގައި ގަބޫލު ކުރެވެއެވެ.
މި ބަދަލާއެކު ހަލުވި ދުވެލީގައި ދިވެހި ފުލުހުންގެ ޚިދުމަތް ދުވަހެއް ދުވަހަކަށް އަންނަނީ ކުރިއަރައި ތަރައްގީ ވަމުންނެވެ. އަމިއްލަ ގޭގައި ނިދާފައި އޮންނަމީހާގެ ރައްކާތެރިކަމުން ފެށިގެން ގޮސް މަސައްކަތު މާހައުލާއި ކަނޑުފަޅަށް ދާންދެން ރައްކާތެރިކޮށް ރައްޔިތުންނަށް އަމާންކަށް ހޯދައިދިނުމަކީ މިއަދު ދިވެހި ފުލުހުންގެ އެއް އަމާޒެވެ. މިކަމަށްޓަކައި ބޭނުންވާ މީހުން ތަމްރީނުކޮށް ކަމާބެހޭ އިލްމާއި ހުނަރުގެ އެހީގައި ދިވެހި ފުލުހުން މިއަދު ވަނީ މަސައްކަތުގެ އައު އަމާޒުތަކަކަށް މިސްރާބު ހިފާފައެވެ.
އެގޮތުން މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަވާހި އަހަރު ކަޑައްތު ކުރަމުންދާއިރު، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން 2019 ން 2024 އަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާޞިލުކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުލުހުންގެ ޚިދުމަތް ކޮމިއުނިޓީ ޕޮލިސިންގ ގެ ފަލްސަފާއާއި އެއްގޮތަށް މަސައްކަތްކުރުމެވެ. މި ބިލުގެ ސަބަބުން ޒަމާނާއެކު ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި އުނދަގޫތައް ނައްތާލުމަށް މަގުފަހިވެގެންދާނެއެވެ. އަދި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ފުލުހުން މަސައްކަތް ކުރަމުންދާއިރު، ޒިންމާދާރުކަމާއެކު ޖަވާބުދާރީވުން އިތުރުވެގެންދާނެއެވެ.
މީގެއިތުރުން އަތޮޅުތެރޭގައި ފުލުހުން ގާއިމުވެތިބޭ ތިބުން އިތުރަށް ހަރުދަނާވެ، ތަހުޒީބުވެފައިވާ އެހެނިހެން މުޖުތަމައުތަކުގައި ވެސް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކޮމިއުނިޓީ ޕޮލިސިންގގެ ފަލްސަފާ އަޅުގަނޑުމެންގެ ދިވެހި ވެއްޓާ ރަހުމަތްތެރި ގޮތަކަށް ބައްޓަންކުރެވިގެން ދާނެއެވެ. އަވައްޓެރި ފުލުހުންގެ ޚިދުމަތް މި ދެންނެވި ފަލްސަފާގެ މައްޗަށް މި ބިލުގެ ސަބަބުން ވަރަށްބޮޑަށް މަސައްކަތް ކުރެވިގެންދާނެއެވެ. ބޭނުމަކީ ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތްދީ، ފުލުހުންނާއި ގުޅިގެން މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުން އެކުގައި މަސައްކަތްކުރާނެ ނިޒާމެއް ގާއިމުވެގެން ދިއުމެވެ. ހަމައެހެންމެ ކުށެއް ހިނގުމުގެ ކުރިން ނުވަތަ ކުށެއް ކުށަކަށް ވުމުގެ ކުރިން ކުށުގެ އަސްލު ދެނެގަނެ، އެ ކުށް ނައްތާލުމަށްޓަކައި މަސައްކަތްކުރުމަކީ މި ނިޒާމްގެ އެންމެ މުހިންމު އެއް ބޭނުމެވެ.
މި ދެންނެވި ނިޒާމުގެ ތެރެއިން ދިވެހި ފުލުހުންގެ ޚިދުމަތުގެ މައިގަނޑު އަމާޒަކީ ދިވެހި މުޖުތަމައުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ގާއިމުކުރުމާއި، ދިވެހި ވެށީގައި ހިންގާ ކުށްތަކާއި އެކަންކަމާ ގުޅިގެން އުފެދިފައި އޮންނަ ބިރުވެރިކަމާއި ނުތަނަވަސްކަން ކުޑަކުރުމަށް މަސައްކަތްކުރުމެވެ. ފުލުހުންނަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދިމާވާ ކޮންމެ ހުރަހެއް ގިރާކޮށް، ކޮންމެ ފަދަ ގުރުބާނީއެއް ވާން ޖެހުނު ނަމަވެސް ފިސާރި ހިތްވަރާއެކު ކަންކަމާ ކުރިމަތިލާން ކެރޭ، ނުގުޑާފަދަ އަޒުމެއްގެ ވެރިބައެއްކަން މިއަދު ދިވެހި ފުލުހުންދަނީ ސާބިތުކޮށްދެމުންނެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކާ ދިވެހި ފުލުހުން ކުރިމަތިލަމުންދަނީ ފިސާރި ކެރިގެންނެވެ. ހަށިގަނޑާއި، ފުރާނައަށްވުރެ ބޮޑަށް ރައްޔިތުންގެ ފުރާނައާއި ރައްކާތެރިކަމަށް ޖާނާއި މާލުން ދަނީ ގުރުބާން ވަމުންނެވެ.
ގައުމެއް ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާނެ އެންމެހައި އަސާސީ ހައްގުތަކާއި، ރައްކާތެރިކަން ހިމާޔަތްކޮށްދީ މި ދީބުގެ އުދަރެހުން ސާފު ދުވަހަކަށް އިރުއަރާތަން ދުށުމަކީ ކޮންމެ ދިވެހި ދަރިއަކު ވެސް ދެކެން ބޭނުންވާނެ ދުވަހެކެވެ. ދިވެހި ލެޔާއި، ދިވެހި ވިންދު އެދި ގޮވާ އެ އުންމީދު ހާސިލު ކޮށްދިނުމުގައި ރައްޔިތުންގެ ބައިވެރިންނަކީ ދިވެހި ފުލުހުން ކަމާމެދު އެއްވެސް ޝައްކެތް ނެތެވެ.
ދިވެހި ދިވެހި ފުލުހުންގެ އަމާޒަކީ މިލޮބުވެތި ވަޠަން މިނިވަންކަން މަތީ އަބަދަށް ލެއްވުމެވެ. މި ވަޠަނަކީީ ކުށްމަދު، ހިތްފަސޭހަ ވެއްޓެއް ލިބިފައިވާ، ހޭލުންތެރި ތަނަކަށް ހެދުމެވެ. ދިވެހި ގައުމުގެ ސަލާމަތާއި، ރައްކާތެރިކަމަށް ވިސްނައިގެން މުޅި ދިވެހި ރައްޔިތުންގެ ދިފާއުގައި އަބަދުވެސް ދިވެހި ފުލުހުން ވާނެކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
މިއަދު ފުލުހުންގެ ޚިދުމަތަށް ނަވާހި އަހަރު، އާދެ! 89 އަހަރުގެ ދިގު މާޒީއެއް ކަނޑައްތުކުރަމުންދާއިރު، ދިވެހި ފުލުހުންގެ އަބަދުވެސް އުންމީދަކީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށް އަމާން މުޖުތަމައަކަށް މި ވަޠަން އަލިވިލިގެން ދިއުމެވެ. އެހެންކަމުން، ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ފާހަގަ ކުރަމުންދާ މި ޚިދުމަތުގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާ އެންމެހައި ފުލުހުންނަށާއި، ފުލުހުންގެ އާއިލާތަކަށް ދުވަހުގެ ހެޔޮއެދުމާއި ތަހާނީ އަރިސްކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު