ފައިލް ފޮޓޯ - ފުލުހުންނަށް ހުވާލައިދިނުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
ފައިލް ފޮޓޯ - ފުލުހުންނަށް ހުވާލައިދިނުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
ދިވެހި ފުލުހުންގެ އިދާރާއިން ދޭ ގިނަ ހިދުމަތްތަކާއިއެކު އައު މޯބައިލް އެޕްލިކޭޝަނެއް ތައާރަފު ކޮަށްފިއެވެ.

މި އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވީ، މިއަދު ފާހަގަކުރާ ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ރަސްމިއްޔާތުގައި ހާމަކޮށްފައިވާގޮތުން، މި އެޕްލިކޭޝަނަކީ ފުލުހުންގެ އިދާރާއިން ދޭ އޮންލައިން ހިދުމަތްތައް މޯބައިލް ފޯން މެދުވެރިކޮށް ހޯދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ތައާރަފު ކުރެވުނު އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް، ޑްރައިވިން ލައިސަންސްގެ މައުލޫމާތާއި އަހަރީ ފީތަކުގެ ތަފުސީލު ބެލެއެވެ. އަދި ފުލުހުންނަށް މައްސަލަ ހުށަހެޅޭނެ އިންތިޒާމު ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ހަމަޖެހިފައިވާއިރު، ހުށަހެޅޭ މައްސަލަތަކުގެ އަދާހަމަ ވެސް ބެލެއެވެ.

މީގެ އިތުރުން، ފުލުހުން ފޯރުކޮށްދޭ ހިދުމަތްތަކާއި ވަކިވަކި ފުލުހުންނާއި ގުޅޭ ޝަކުވާއާއި ތައުރީފު ހުށަހެޅޭގޮތަށް ހަމަޖެހިފައިވާއިރު، ފުލުހުންގެ އިދާރާއިން ދޫކުރާ ކުށުގެ ރެކޯޑަށް އެދުމާއި ކުށުގެ ރެކޯޑުގެ ސެޓްފިކެޓް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާކަމަށް މިރޭގެ ރަސްމިއްޔާތުގައި ހާމަކޮށްފައިވެއެވެ.

ފުލުހުންގެ ބައެއް ހިދުމަތްތައް މިހާރު ވެސް އޮންލައިންކޮަށް ލިބެން ހުރިނަމަވެސް މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް އެއް ތަނަކުން ގިނަ ހިދުމަތްތަކެއް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދިޔަ މިއީ ފުރަތަމަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު