އިންސާފުވެރި އިންތިހާބަކުން އެމްޑީޕީއަށް މެޖޯރިޓީ ނުލިބޭނެ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމިން މިރޭ ވިދާޅުވެއްޖެއެވެ.

ކުރެންދޫ ކައުންސިލްގެ ރައީސްގެ ގޮޑި ޕީޕީއެމަށް ކާމިޔާބުވުމުގެ އުފަލުގައި މިރޭ ރަށުގައި ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަަށް މިހާރު ރައްޔިތުންގެ ތާއީދެއް ނެތް ކަމަށެވެ. އަދުލުވެރިކަމާ އިންސާފުވެރި ކަމާއެކު ބާއްވާ އިންތިހާބަކުން އެމްޑީޕީއަށް ކާމިޔާބުވާނެ ބޮޑު އަޣުލަބިއްޔަތެއް ނޯންނާނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

"އެ މީހުންނާއެކު މަސައްކަތް ކުރަނީ އިންޑިއާ ނަމަވެސް އެވަރުގެ މަސައްކަތެއް އެމީހުންނަކަށް ނުކުރެވޭނެ. ދިވެހިރާއްޖޭގައި އެ މީހުންނަކަށް ތާއީދެއް ނެތް،" ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމިން ވަނީ އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް އިތުބާރު ނުކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެެވެ.

ރައީސް ޔާމިން ވިދާޅުވީ ކޮންމެ އިންތިހާބަކާއި ދިމާކޮށް ފަޅުފަޅުން ގޯތި ދޫކުރާނެ ވާހަކަ ދައްކަން އެމްޑީޕީގެ ލީޑަރުން ވަޑައިގަންނަވާއިރު އެއީ ހަގީގަތެއް ނޫންކަން ރައްޔިތުން ދަންނަން ޖެހޭ ކަމަށެވެ. ޕީޕީއެމްގެ ފިކުރުގައި ތިއްބެވި މެންބަރުން އެ ގޮތުގައި ސާބިތުވެ ތިބުމަށްވެސް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސް ޔާމިން ވިދާޅުވީ ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލް މިހާރު އޮތީ ގެއްލިފައި ކަމަށެވެ. ޕީޕިއެމުން މަސައްކަތް ކުރަނީ އެ މިނިވަންކަމާއި އިސްތިގުލާލް ހޯދުމަށް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އަދި މިއަށްވުރެ މިނިވަން މުވައްސަސާތަކުގެ ބާރު ކަނޑުވާލި އެއްވެސް ސަރުކާރެއް ނާންނަ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު