ޕީޕީއެމް މެމްބަރުން އެހެން ޕާޓީތަކަށް ގެންދިޔައީ އިލެކްޝަން ކޮމިޝަންގެ ތެރެއިން ކަމަށާއި، އެކަމުގެ ހެކި އެބަހުރި ކަމަށް އެޕާޓީގެ ރައީސް، އަދި ރައީސް އަބުދު ﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ޅ. ކުރެންދޫގައި ޕީޕިއެމުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ، އެޕާޓީގެ މެމްބަރުން އެހެން ޕާޓީތަކަށް ގެންދިޔައީ އިލެކްޝަން ކޮމިޝަނުން ކަމަށެވެ. އެގޮތުން އަމިއްލަ މީހުންނަށް އިލެކްޝަނުން ފޮނުވާ ސިޓީތަކުގައި އެކަމަކީ އިދާރީ އޮޅުމަކުން ހިނގާފައިވާ ކަމެއް ކަމަށް ބުނެފައިވާ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަމަކީ އޮޅުމަކުން ހިނގާފައިވާ ކަމެއް ނޫން ކަމަށާއި، އިލެކްޝަން ކޮމިޝަންގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ.

"މިހާރުން މިހާރަށް އިލެކްޝަނުން އެބަޖެހޭ އަޅުގަނޑުމެންގެ ޕާޓީން ކަނޑައިގެން ގެންދިޔަ މީހުން އަލުން އަނބުރާ އަޅުގަނޑުމެންނަށް ދޭން، އެހެން ޕާޓީތައް ނިކުމޭ މަސައްކަތް ކުރަން. ޕާޓީތައް ނުކުމެގެން މަސައްކަތްކޮށް ޕާޓީއަށް މެމްބަރުން ވައްދާ. އަޅުގަނޑުމެންގެ ޕާޓީގައި ތިބި މީހުން ކަނޑައިގެން ގެންދާނީއަކީ ނޫން. މިއީ އިލެކްޝަންގެ މައްޗަށް އޮތް އަޅުގަނޑުމެންގެ ބޮޑު ތުހުމަތެއް،" ރައީސް ޔާމިން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ، ޕީޕިއެމުން މެމްބަރުން އެހެން ޕާޓީތަކަށް ގެންދިޔަ މައްސަލައަކީ ލުއި ގޮތަކަށް ދާނެ މައްސަލައެއް ނޫން ކަމަށެވެ. އެކަމުގައި އިސް ބޭފުޅަކަށް ހުންނެވީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު އިސްމާއިލް ހަބީބު ކަމަށާއި، އޭނާ ޕީޕީއެމަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ވާހަކަ ދައްކަން ދާ އެއްވެސް ދުވަހެއްގައި ހަބީބެއް ނީދޭ. ހަބީބު އިނީމަ އަޅުގަނޑުމެންނަށް މި ވާހަކަ ދެއްކޭނީ. ހުރިހާ ރައްޔިތުންނަށް އެނގޭގޮތަށް އަޅުގަނޑު މި ވާހަަކަ މި ދައްކަނީ. އަޅުގަނޑުމެން ދެން ދާ ދުވަހަކު އަޅުގަނޑުމެން ބޭނުންވާނެ ހަބީބު އިންނަވައިގެން ހަބީބު މިއަށް ޖަވާބުދާރީވާން. އެނގޭ އެތާ ކަންކަން ހިނގާފައި އޮތްގޮތް، އެއްގޮތަކަށްވެސް އެކަކުވެސް ޚިޔާލު ނުކުރާތީ އެމީހާ ކުރާ ހުރިހާ ގޯސްކަމެއް އެހެން މީހުންނަށް ނޭގި ދާނެ ކަމަށް ޚިޔާލު ކުރުމަކީ ގޯސް ޚިޔާލެއް." ރައީސް ޔާމިން ވިދާޅުވިއެވެ.

ޕީޕިއެމް މެމްބަރުންނަށް ނޭގި އެހެން ޕާޓީތަކަށް ގެންގޮސްފައިވާ ކަމަށް ބުނެ އެޕާޓީގެ ލީޑަރޝިޕްގެ އިސްބޭފުޅުން އިއްޔެ ވަނީ އިލެކްޝަން ކޮމިޝަންގެ މެމްބަރުންނާއި ވެސް ބައްދަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު


4

ނުރަބޯ

01-Apr-2022

އަދާލަތު ޕާޓީ އަށް ދިހަހާސް މެންބަރުން ހަމަ ކުރަންވެގެން ކުރިކަމެއް ތޯއްޗެ.