ތިލަފަތުގެ ރަމްޒުން ދޮގު ހެދުމާއި އޮޅުވާލުން ނޫން ކަމެއް ނުކުރާކަމަށް ބުނެ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވާދަވެރި ކެނޑިޑޭޓުންނަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައި މިވަނީ ފެނަކަ އޮފީހުގައި އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ފައްޔާޒު އިސްމާއިލްގެ ކެމްޕެއިން ބައްދަލުވުމެއް ބޭއްވިކަމަށް ބުނާ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ގއ. ނިލަންދޫ ފެނަކަ އޮފީހުގައި ވާދަވެރި ކެންޑިޑޭޓްގެ ކެންޕޭން ބައްދަލުވުން ބާއްވާފައިވާ މައްސަލަ ކަމާއިބެހޭ ފަރާތްތަކުން ބަލައި، ފިޔަވަޅު އެޅުމަށް ޗެއަރޕާސަން އިންތިހާބުގައި ފައްޔާޒާ ވާދަކުރައްވާ އިމްތިޔާޒް ފަހްމީގެ ކެމްޕެއިން ޓީމުން ވަނީ ގޮވާލާފައެވެ.

މިކަމަށް ރައްދު ދެއްވާ ރޮޒައިނާ ވަނީ ފެނަކަ އޮފީހެއްގައިކަމަށް ބުނާ ތަނެއްގައި އިމްތިޔާޒް ފަހްމީގެ ކެމްޕެއިން ޓީމުން ހަރަކާތްތެރިވާތަން ފެންނަ ފޮޓޯއެއް އާއްމު ކުރައްވައި އެކަމާއި ސުވާލުކުރައްވާފައެވެ.

"ފެނަކަ މުއައްޒަފުން އެދިގެން ފިނޭންސް މިނިސްޓަރު އެމީހުންނާއި ބައްދަލު ކުރީމަ ނޫސް ބަޔާން ނެރުނު މީހުން ފެނަކަ އޮފީހުގަ މިކުރަނީ ކީއް؟ ތިލަފަތުގެ ރަމްޒުން ދޮގު ހެދުމާ އޮޅުވާލުން ނޫން ކަމެއް ނުކުރޭ. ދެން ސަރުކާރާ އެއްކޮށް މަސައްކަތް ކުރަން ރައްޔިތުން ހޮވީމަ ސަރުކާރު ބަދުނާމު ކުރުން." ރޮޒައިނާ ވިދާޅުވިއެވެ.



އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު އޮންނާނީ މެއިމަހުގެ 16 ވަނަ ދުވަހުއެވެ. އިންތިހާބުގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށްދާއިރު ކެނޑިޑޭޓުން ގިނައިން އުޅުއްވަނީ ރަށްރަށުގައެވެ. އަދި އެބޭފުޅުންނާއެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ ވަޒީރުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު