އަހުމަދު މަސްނޫމް   30 މާރިޗު 2022 - 18:56
ބޭންކް އޮފް މޯލްޑިވްސްއިން ނެގި ލޯނެއް ނުދައްކައިގެން ވިއްކާލަން ނިންމި ތ. ފުނައްޑޫ ސަރުކާރުން ގަނެފިއެވެ.

ފުނައްޑޫއަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި 2004 ވަނަ އަހަރު މަސްވެރިކަމުގެ މަސައްކަތްތަކަށް ދޫކޮށްފައިވާ ރަށެކެވެ.

މި ރަށް ބެންކް އޮފް މޯލްޑިވްސްއިން ނީލަން ކިޔަން ހުޅުވާލީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްގެ ހިއްސާވާ ކުންފުންޏަކުން ބޭންކް އޮފް މޯލްޑިވްސްއިން ނެގި ލޯނެއް ނުދައްކައިގެނެވެ.

ސަރުކާރުން ފުނައްޑޫ ގަނެފައިވާކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަކަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ލިޔުމުން ފޮނުއްވި ޖަވާބުގައެވެ.

ފިޝަރީޒް މިނިސްޓަރ ވިދާޅުވީ، މިފްކޯއަށް ފުނައްޑޫ ހިންގިދާނެތޯ ބަލަން ފީޒިބިލިޓީއެއް ހަދައި އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް ރައީސް އޮފީހުން އެންގި ކަމަށާއި، އެ މަސައްކަތާ ގުޅޭ ފީޒިބިލިޓީ ސްޓަޑީއާ މެދު މިދިޔަ އަހަރުގެ ޑިސެމްބަރު 15 އާއި 27 ގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އެއަށްފަހު ބީއެމްއެލުން ވިއްކުމުގެ މަރުހަލާގައިވާ ފުނައްޑޫ ކާރުހާނާ ސަރުކާރުގެ ފަރާތުން މިފްކޯއަށް ގަތުމަށް ނިންމައި، އެކަމާއި ގުޅޭ ހުރިހާ މަސައްކަތްތަކެއް ނިންމާފައިވާކަމަށް މިނިސްޓަރ ފޮނުއްވި ޖަވާބުގައި ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފުނައްޑޫއާ މެދު ސަރުކާރުން ގެންގުޅޭ ވިސްނުމަކީ އެ ރަށުގައި ގާއިމް ކޮށްފައިވާ މަސް ފެސިލިޓީ އިތުރަށް ތަރައްގީކޮށް، ބަނދަރު ވެސް އިތުރަށް ތަރައްގީކޮށް، ކާރުހާނާގެ ސަބަބުން ފަސޭހަކަމާއި ތަނަވަސްކަމާއި ނަފާ ހޯދުންކަމަށެވެ.

ފުނައްޑޫ މިފްކޯއިން ގަނެފައިވާއިރު އެސްޓީއޯގެ ދަށުން ވަކިވެ، މިފްކޯ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު