އާއްމު ބޭނުންތަކަށް ވެލި ނަގަން އުސޫލެއް އޮންނާނެކަމަށާއި، އެ އުސޫލާއި ހިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ،، އީޕީއޭއިން ބުނެފިއެވެ.

އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ މިހާރަކަށް އައިސް، މީހުން ދިރިއުޅޭ ރަށްރަށުންނާއި، ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުންނާއި، ފަޅުރަށްރަށުންނާއި އަދި ހިކިފަ ހުންނަ ތުނޑިތަކާއި ފިނޮޅު ފަދަ ތަންތަނުން ގިނަ އަދަދަކަށް ވެލި ނަގަމުންދާ ކަމުގެ ޝަކުވާ އެ އޭޖެންސީއަށް ލިބެމުންދާކަމަށެވެ. އަދި މިފަދައިން ވެލިނެގުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ހަލާކުވެ ރަށްގިރުމުގެ މައްސަލަ އިތުރަށް ގޯސްވެ، ތިމާވެށީގެ އެކިއެކި މައްސަލަތަކާއި ކުރިމަތި ވަމުންދާކަމަށް އީޕީއޭއިން ވިދާޅުވިއެވެ.



އީޕީއޭއިިން ބުނީ ރަށް ގިރުމުގެ މައްސަލަތައް ހައްލު ކުރުމަކީ ނުހަނު ޚަރަދު ބޮޑު އެހާމެ އުނދަގޫ ކަމެއްކަމަށެވެ. އީޕީއޭއިން ބުނީ ގަލާއި ވެއްޔާއި އަކިރި ނަގަން ހާއްސަ ޤާނޫނުތަކާއި ޤަވާއިދުތަކެއް ހުރިއިރު، އާއްމު ބޭނުންތަކަށްވެސް ވެލި ނަގަންވާނީ ޤަވާއިދުތަކުގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީން އެ އެޖެންސީގެ ހުއްދަ ލިބިފައިވާ ތަންތަނުންކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް އާއްމު ރައްޔިތުންގެ ގެދޮރު ޒީނަތްތެރި ކުރުމުގެ ބޭނުމުގައި މީހުން ދިރިއުޅޭ ރަށްރަށުންނާއި، ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުންނާއި، ފަޅުރަށްރަށުންނާއި އަދި ހިކިފަ ހުންނަ ތުނޑިތަކާއި ފިނޮޅު ފަދަ ތަންތަނުން ގިނަ އަދަދަކަށް ވެލި ނަގަމުންދާކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިކަމަށް އީޕީއޭއިން ބުނެފައި ވެއެވެ. އަދި މިގޮތަށް އާއްމުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށްޓަކައި ވެލި ނަގަން ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދުތަކާއި ވަކި އުސޫލުތަކެއް އެ އެޖެންސީން ކަނޑައަޅާ އެ މަޢުލޫމާތު ކައުންސިލްތަކާއި ހިއްސާކުރެވިފައިވާކަމަށް ވެސް އީޕީއޭއިން ބުނެއެވެ.

އެހެންކަމުން އާއްމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމުގައި، އެ އެޖެންސީގެ ފަރާތުން ކަނޑައަޅާފައިވާ ސަރަހައްދުތަކުން އެ އުސޫލުތަކުގެ މަތިން، ކައުންސިލްގެ ބެލުމުގެ ދަށުން ވެލި ނެގުމަށް އީޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ޤަވާއިދާ ޚިލާފަށް ވެލިނަގާ ފަރާތްތަކާއިމެދު ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށާއި މިގޮތުން، ގަވާއިދުގެ ދަށުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެކަމަށް ވެސް އީޕީއޭއިން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު