ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން އިމާރާތްކުރަމުންދާ ފްލެޓްތައް އަންނަ މެއިމަހަށް ނިމޭނެކަމަށް އެމްޑަބްލިއުއެސްސީގެ ސީއީއޯ ހަސަން ޝާހް ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ މުވައްޒަފުންނާއި ބައްދަލުކުރާ ކޮންމެ ފަހަރަކު ފްލެޓްގެ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރާކަމަށެވެ. އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝާހު މިއަދު ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ ފްލެޓްތައް އަންނަމަހު ނިމޭނެކަމަށާއި އަދި ފްލެޓަށް އެދުމަށް ތިންވަނަ ފަހަރަށް ފުރުސަތު ހުޅުވާލާނެކަމަށެވެ. އަދި އެމްޑަބްލިޔުއެސްސީގެ ދެ ވަނަ ޓަވަރެއްވެސް އެޅުމުގެ އުންމީދު އެބައޮތްކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހުގެ ވާހަކައިގައި ކުންފުނީގެ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތުގެ އިތުރުން އެމްޑަބްލިއުއެސްސީގެ ފަރާތުން ފައިސާގެ ހަދިޔާއެއް ދީފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން އަޅަނީ 15 ފަންގިފިލާގެ 2 ޓަވަރެވެ. އެއީ ޖުމްލަ 384 އެޕަރޓްމަންޓެވެ. ނަމަވެސް އެ ކުންފުނިން ފަށާފައިވަނީ އެއް ޓަވަރުގެ މަސައްކަތެވެ. އެޓަވަރުގައި 1 ކޮޓަރިއާ 2 ކޮޓަރި އާއި 3 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު