ކޯވިޑުގެ ސަބަބުން ވޭތުވެދިޔަ ދެ އަހަރު ވިޔަފާރިތަކަށާއި އެހެނިހެން ފަރާތްތަކަށް ދިން ލުއިތަކާއެކު ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތް އަންނަމަހު ފަށާނެކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ބުނެފިއެވެ.

މީރާއިން ބުނީ ދައުލަތަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް އެޕްރީލް 1 އިން ފެށިގެން މީރާއިން ތަންފީޒީ މަސައްކަތްތައް ފަށާނެ ކަމަށާއި އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް މުޅި ޖުމްލަ 16 ބިލިއަން ރުފިޔާ ހޯދަން ޖެހޭކަމަށެެވެ. އަދި މިއީ ޖޫރިމަނާތަކާއެކު ލިބެންޖެހޭ ޖުމްލަ އަދަދުކަމަށްވެސް މީރާއިން ބުނެއެވެ.

މީރާއިން ބުނީ ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރޭގައި ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އަދި ޓެކްސް ނޫން ގޮތަށް ދައްކަން ޖެހޭ ފައިސާ ހިމެނޭކަމަށެވެ. މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޓެކްސްގެ ގޮތުގައި މިރާއަށް މިދިޔަ އަހަރުގެ ޑިސެމްބަރު ނިޔަލަށް، 5.3 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ. އަދި ޓެކްސް ނޫން ފައިސާގެ ގޮތުގައި މިރާއަށް 10.6 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ.

ކޯވިޑު-19 އާއިއެކު ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ލޮޅުމަކާއި ކުރިމަތިވުމުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ އަދި ޓެކްސް ނޫން ފައިސާ ދެއްކުމުގައި ތަންފީޒީ މަސައްކަތް ކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމިއެވެ. އަދި ފައިސާ ދެއްކުމުގައި ލުއިގޮތްތަކެއް ވިޔަފާރިތަކަށް ވަނީ ދީފައެވެ. ނަމަވެސް މީރާއިން އަލުން މި މަސައްކަތް ފަށާފައި މިވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އުވިގޮސް އިޤްތިޞާދީ ހާލަތު އިޔާދަވާން ފެށުމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު