ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ރ. މަޑުއްވަރީގައި ޤާއިމްކުރި ފެނުގެ ނިޒާމް ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

މަޑުއްވަރީގައި ބޭއްވި ރަސްމިއްޔާތުގައި ފެނުގެ ނިޒާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ މަރިޔަމް ޝައުނާއެވެ.

މަޑުއްވަރީ ފެނުގެ ނިޒާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ މި މަޝްރޫޢުގެ ދަށުން 55 ޓަނުގެ 2 ޑީސެލިނޭޝަން ޕްލާންޓު ބެހެއްޓިފައިވާ ކަމަށެވެ. އަދި މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 110 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލްކަން މި ނިޒާމަށް ވަނީ ލިބިފައިކަމަށް ޝައުނާ ވިދާޅުވިއެވެ.

މަޑުއްވަރީގައި ބެހެއްޓި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 400 ޓަނުގެ ތާނގީއެއް ބެހެއްޓިފައިވެއެވެ. އަދި 8.6 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވިފައިވެއެވެ.



ފެންއުފެއްދުމަށް ކުރެވޭ ޚަރަދުތައް ކުޑަކުރުމަށާއި، މަޑުއްވަރީގައި ހުރި ފެނުގެ ޤުދުރަތީ ވަސީލަތްތައް އެންމެހެޔޮ ގޮތުގައި ބޭނުންކުރުމަށް އަމާޒުކޮށް ވާރޭފެން ރައްކާކުރުމަށް އިތުރު 600 ޓަނުގެ ތާގީއެއް ވަނީ ބެހެއްޓިފައިކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މަޑުއްވަރީ ފެނުގެ ނިޒާމް ހިންގުމަށް ހަމަޖެހިފައިވަނީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެންކަމަށެވެ. މިގޮތުން ފެން އުފެއްދުމުގެ ޚަރަދު ކުޑަކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަށް ދެމެހެއްޓެނިވި ޚިދުމަތެއް ދިނުމުގެ ގޮތުން 25 ކިލޯވޮޓުގެ ސޯލާ ފެނަލް ވަނީ ގާއިކޮށްފައިކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.



މި ނިޒާމުން ފެން އުފެއްދުމުގެ އޮޕަރޭޝަނުގައި ހިމަނާފައިވާ ވަރޭފެނުގެ ނިޒާމާއި އިއާދަކުރަނިވި ހަކަތައިގެ ނިޒާމުގެ ސަބަބުން ހިންގުމުގެ ޚަރަދުން ގާތްގަނޑަކަށް 30 އިންސައްތަ ސަލާމަތްކުރެވޭނެކަމަށް ބެލެވޭކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މަޑުއްވަރީގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ޖުމްލަ 33,148,969.81 (ތިރީސް ތިން މިލިއަން ސަތޭކަ ސާޅީސް އަށްހާސް ނުވަ ސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ އަށްޑިހަ އެއް ލާރި) ސަރުކާރުން ޚަރަދުކޮށްފައިވެއެވެ. އަދި ފެނުގެ ޚިދުމަތް ދެމެހެއްޓެނިވިގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ނިޒާމް ހިންގާ ބަލަހައްޓާނީ ފެނަކަ ކޯރޕަރޭޝަންގެ ފަރާތުންނެވެ.

މި މަޝްރޫޢު ނިމުނުއިރު ފެނުގެ ޒަމާނީ ނިޒާމެއް މަޑުއްވަރީގައި ޤާއިމްކޮށް 367 ފެން މީޓަރު ވަނީ ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓައިދެވިފައިކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު


-1

އަލިފުޅުބެ

01-Apr-2022

ރައީސް އިބްރާހިން ވެރިކަމަށް އައުމުގެ 3އަހަރު ކުރިން މަޝްރޫއުތަށް ވަނީ ފަށާފަ ދޯ.....,😂😂😂