އައްޑޫގައި ހުޅުވާފައިވާ ޕޮލިސް އެކަޑަމީ ގާނޫނު ތަންފީޒު ކުރާ އެހެން އިދާރާތަކަށް ދޫކުރުމަށް ނިންމައިފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ވިދާޅުވެއްޖެެެއެވެެ.

ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އައްޑޫގެ ޕޮލިސް އެކަޑަމީގެ ބޭނުންކުރާނީ ހަމައެކަނި ފުލުހުންގެ ޚިދުމަތުން ނޫން ކަމަށާއި، ގާނޫނު ތަންފީޒު ކުރާ އެހެން އިދާރާތަކުގެ ބޭނުމަށް އެ އެކަޑަމީ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރަމުންދަނީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި ކަމާ ގުޅުންހުރި ފަރާތްތައް ގުޅިގެން އެ ކޮލެޖްގެ ކައުންސިލް އެކުލަވާލުމުގެ މަސައްކަތް ކަމަށް ކޮމިޝަނަރު ހަމީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އައްޑޫ ޕޮލިސް އެކަޑަމީ ހުޅުވި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން އެތަނުގެ ބޭނުން ކުރަން ފެށުމުން ފުލުހުންނާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި މެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ. ކުރިއަށް އޮތްތާގައި އައްޑޫ ޕޮލިސް އެކަޑަމީ ބޭނުންކުރާނީ ކޮލެޖް ކައުންސިލްގެ ލަފާގެ މަތިން ކަމަށް ސީޕީ ވިދާޅުވިއެވެ.

"ކޮލެޖް ކައުންސިލްގައި ތަމްސީލް ކުރާނެ ފުލުހުންގެ ޚިދުމަތް ނޫން އެހެން ތަންފީޒު ކުރާ އިދާރާތަކާއި އެހެނިހެން ރައްޔިތުންގެ ފަރާތްތަށް ވެސް ހިމެނޭނެ، އެހެންވީމަ ކޮލެޖް ކައުންސިލްގެ ވަރަށް ބޮޑު ލަފަޔާ އިރުޝާދުގެ ދަށުން މި ކޮލެޖް ކުރިއަށް އޮތްތާގައި ހިނގާނީ މިހާރު ވެސް އަޅުގަނޑުމެން މިދަނީ ކަރެކްޝަނަލް ސާވިސްގެ ޓްރެެެއިންގް ތަކަށް ވެސް ފުރުސަތު ހޯދުމަށްޓަކައި ވަރަށް އަވަހަށް މަސައްކަތްތަކެއް ކުރަމުން." ހަމީދު ވިދާޅުވިއެވެ.

އައްޑޫ ޕޮލިސް އެކަޑަމީ ހުޅުވާފައިވަނީ "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯރސްމަންޓް"ގެ ނަމުގައެވެ. އިންޑިޔާގެ ސަރުކާރުން 18 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހުޅުވާފައިވާ މި އެކަޑަމީގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު