ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، މި ބަރަކާތްތެރި މައްސަރުގެ ރޭތަކާއި ދުވަސްތަކުގައި މާތް ﷲ ލައްވާފައިވާ މަތިވެރި ރޫޙާނީ ފައިދާތަކުގެ ނަސީބުވެރިން ކަމުގައިވުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބާތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ޚިތާބެެެއްގައެވެ. އެ ޚިތާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ރަމަޝާން މަހުގެ މިމަތިވެރި ފުރުޞަތުގެ ބޭނުންހިފައި، ފުރިހަމައަށް ރޯދަހިފުމާއި ތަރާވީޙް ނަމާދުކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ހީވާގިވެ، ރޫޙާނީ ދިރުން އިތުރުކުރުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭ ކަމަށެވެ. ރަމަޟާން މަހަކީ ރަޙްމަތުން ފުރިގެންވާ، ފުއްސެވުމާއި ދިންނެވުމުގެ މައްސަރަކަށްވާތީ، އަނެކާއަށް އޯގާތެރިކަން އިސްކުރުމާއި އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް އާލާކުރުމާއި، މަޢާފްކުރުމާއި، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު މުޢާމަލާތުކުރުމުގެ ރީތި އާދަތައް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމާއި އެކަކު އަނެކަކަށް އެހީތެރިވެ، އަނެކުންގެ ބުރަތަކާއި ދަތިތައް ފިލުވައިދީ އިންސާނިއްޔަތުކަން އިސްކުރުމަކީ، މި މަހުގެ ދަރުމަ އާއި ޘަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނޭ ކަންތައްތައްކަން ރައީސްގެ ޚިތާބުގައި ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ ހިދާޔަތުން މުޅި އިންސާނިއްޔަތަށް އަލިކޮށްދިން މައްސަރު ކަމަށްވާތީ، ގިނަގިނައިން ޤުރްއާން ކިޔެވުމުގެ އާދަ ހަރުލެއްވުމާއި ދީނީ ވާޖިބުތައް ފުރިހަމައަށް އަދާކޮށް، ސުންނަތް އަޅުކަންތަކަށް ފަރުވާތެރިވެ، ރޭއަޅުކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"މި މައްސަރަކީ އަޅުގަނޑުމެންގެ ޢަމަލުތައް އިޞްލާޙުކޮށް، އާޚިރަތުގެ ބާއްޖަވެރިކަން ޙާޞިލުކުރުމަށް ދެއްވާފައިވާ ވަރަށް ތަނަވަސް ފުރުޞަތެކެވެ. މި ފެށުނު ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، މި ބަރަކާތްތެރި މައްސަރުގެ ރޭތަކާއި ދުވަސްތަކުގައި މާތް ﷲ ލައްވާފައިވާ މަތިވެރި ރޫޙާނީ ފައިދާތަކުގެ ނަސީބުވެރިން ކަމުގައި ވުމަށެވެ،" ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރުގެ ރަމަޟާން މަހާ ބައްދަލުވިއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލައި، ދިރިއުޅުމުގެ ޢާންމު ޙާލަތަށް ރުޖޫޢަވެވި، މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކޮށް، ދީނީ ގޮތުން އަދާކުރަންޖެހޭ އެންމެހައި އަޅުކަންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް މަގު ތަނަވަސްވެފައިވާތީކަމަށް ރައީސް ސޯލިހްގެ ޚިތާބުގައި ވަނީ ފާހަގަކުރައްވާފައެވެެ.



ކިޔުންތެރިންގެ ހިޔާލު