އިބްރާހިމް ފަހީމް   2 އޭޕްރީލު 2022 - 20:57
ފެނުގެ ނިޒާމު އިފްތިތާހު ކުރުމުގެ ތެރެއިން
ފެނުގެ ނިޒާމު އިފްތިތާހު ކުރުމުގެ ތެރެއިން
ބ. އަތޮޅު ދަރަވަންދޫގެ ފެނުގެ ނިޒާމު އިފްތިތާހު ކޮށްފިއެވެ.

އެ ރަށުގެ ފެނުގެ ނިޒާމު އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި އިއްޔެ އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝައުނާ ވަނީ ރަށްރަށުގެ ފެނުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން، ޝައުނާ ވިދާޅުވީ ފެނުގެ ހިދުމަތުގެ ރެގިއުލޭޓަރާއި ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވެ، ދާއިރާއާއި ގުޅުންހުރި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ނިންމާލުމަށްފަހު އެތަން އޮޕަރޭޓްކުރަން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން 25 ޓަނުގެ 2 ޑީސެލިނޭޝަން ޕްލާންޓު ވަނީ ބަހައްޓާފައެވެ. އަދި މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 50 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލްކަން މި ނިޒާމަށް ލިބިފައިވާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މަޝްރޫޢު ނިމުނުއިރު ފެނުގެ ޒަމާނީ ނިޒާމެއް ދަރަވަންދޫގައި ޤާއިމްކޮށް 362 ފެން މީޓަރު ވަނީ ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓައިދީފައެވެ.

ދަރަވަންދޫ ފެނުގެ ނިޒާމުގެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.



ކިޔުންތެރިންގެ ހިޔާލު