އަހުމަދު މަސްނޫމް   3 އޭޕްރީލު 2022 - 20:43
އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް ރާއްޖޭގެ މަޝްހޫރު ވިޔަފާރަވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) އާއި ބައްދަލު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) އާއި ބައްދަލުކުރެއްވީ، އޭނާ ހިންގަވާ ރިސޯޓެއްގައެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުއްޗުއާއި ބައްދަލުކުރެއްވި ސަބަބެއް ސާފެއް ނުވެއެެވެ. މި ބައްދަލުކުރެެއްވުމުގައި ދެބޭފުޅުންގެ މެދުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއްވެސް އަދި ނުލިބެއެވެ. އެހެން ނަމަވެސް "ރަސްއޮންލައިން" އަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

އުއްޗުއާއި ބައްދަލު ކުރެއްވުމަށްފަހު އާދަމް ޝަރީފް ވިދާޅުވީ، ކޮވިޑުގެ ހާލަތަށްފަހު އުއްޗުއާއި ބައްދަލުކުރުމަށް ލިބިވަޑައިގެންނެވި ފުރުސަތަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ.



"އުއްޗުގެ ޝާއިރީ ލަވަތަކާއި ހިކުމަތްތެރި އަދި އިބްރަތްތެރި ބަސްތަކަކީ ދުނިޔަވީ ގޮތުން ހިނގަންވީ މަގު ދައްކައިދޭ އަގުހުރި ދަރުސްތަކެއް." އުއްޗުއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ފާހަގަ ކުރެއްވި ފަދައިން އުއްޗުއަކީ ވަރަށް ސަކަ މިޒާޖެއްގެ ބޭފުޅެކެވެ. އުއްޗުގެ ސަކަ މިޒާޖާއި ޝާޢިރީ ބަސްތަކުގެ ފަށުވިކަން މުޅި ރާއްޖެއަށް ހާމަވެގެން ދިޔަ އެއް ހަރަކާތަކީ ރައީސް ޔާމިންގެ ސަރުކާރުގައި ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ރާއްޖޭގައި ބޭއްވި ޝޯތަކުގެ ތެރެއިން ބޮލީވުޑްގެ މަޝްހޫރު ތަރި، ޕްރިޔަންކާ ޗޯޕްރާ ބައިވެރިވި ޝޯގައި އޭނާ ލަދުގަންނަވާލި ޝާއިރީ ލަފުޒުތަކުންނެވެ.

ރާއްޖޭގެ ޓޫރިޒަމް އުފެެއްދުމުގެ އެއް ބާނީ ޗަމްޕާ މުހައްމަދު މޫސާ، އުއްޗުއަކީ ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އުއްޗު އަކީ، ރިސޯޓް ވިޔަފާރީގެ އިތުރުން ރާއްޖޭގައި ތަފާތު ވިޔަފާރިތައް ތަޖުރިބާ ކުރަށްވައި މިސާލު ދައްކަވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ ތަރައްގީގެ ވަރަށް ގިނަ މަސައްކަތްތަކުގައި ވެސް އެހީތެރިވެދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ޓްރީޓޮޕް ހޮސްޕިޓަލާއި މަޑިވަރު އެއާޕޯޓާއި އައްޑޫ އިންޓަރނޭޝަނަލް އެއާޕޯރޓް ފަދަ ތަރައްގީގެ މުހިންމު މަސައްކަތް ތަކުގައި އުއްޗުގެ ހިއްސާ ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު