ޓޫރިޒަމް މިނިސްޓަރ ޑރ. މަޢުސޫމް
ޓޫރިޒަމް މިނިސްޓަރ ޑރ. މަޢުސޫމް
ތ. އަތޮޅުން ރިސޯޓު ތަރައްގީ ކުރަން ދޫކޮށްފައިވާ ރަށްތަކުގެ މަސައްކަތް ކުރިއަށްނުދާތީ ޓުއަރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ތާވަލުކޮށްފިއެވެ.

މި ރަމަޟާން މަހު ބާއްވާ ފުރަތަމަ މަޖިލިސް ޖަލްސާ މާދަމާ އޮންނައިރު އެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން އެންމެ ފުރަތަމަ އޮންނާނީ މިނިސްޓަރ ޑރ. މައުސޫމާ ސުވާލު ކުރުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ސުވާލު ކުރައްވަން ހުށަހަޅުއްވާފައިވަނީ ތ. އަތޮޅުގައި ރިސޯޓު ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ރަށްތަކުގައި ރިސޯޓު ތަރައްގީ ކުރެވިފައި ނެތުމާއެކު، ބައެއް ރަށްރަށުގައި މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީ އެކަމުގައި ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.

މަޖިލީހުގައި މިނިސްޓަރާ ސުވާލު ކުރަން ހުށަހަޅާފައިވާއިރު، ތ. އަތޮޅުގައި ރިސޯޓު ތަރައްގީ ކުރަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ބައެއް ރަށްރަށުގައި މަސައްކަތް ނުކުރެވި ހުރުމުން މިދިޔަ ސަރުކާރުގައި އެ ރަށްތައް ސަރުކާރަށް ނެގިއެވެ. އަދި ސަރުކާރަށް ނަގާފައިވާ ބައެއް ރަށްރަށުގެ ބަދަލުގައި އިތުރު ރަށްތަކާއި ފައިސާވެސް ދީފައިވެއެވެ.

މާދަމާގެ މަޖިލީހުގެ އެޖެންޑާގައި ދެން އޮތީ ދިވެހިރާއްޖޭގެ ފޮރިން ސާވިސް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސާއި، ކުންފުނީގެ ބިލުގެ ބަހުސާއި، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު ދިރާސާކޮށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ތައްޔާރުކުރި ރިޕޯޓު އިއްވުމެވެ.



ކިޔުންތެރިންގެ ހިޔާލު