އައްޑޫގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ މައުލޫމާތު ސާފުކުރުމަށް އަންނަ ބުދަ ދުވަހު ކަމާ ބެހޭ އިދާރާތައް މަޖިލީިހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިއްމައިފިއެވެ.

އެގޮތަަށް ނިއްމީ މިއަދު ބޭއްވި މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައެެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަައެޅުއްވީ މިމައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސް، ޖެންޑާ މިނިސްޓްރީ، އެޗްއާރްސީއެމް، އެޑިއުކޭޝަން މިނިސްޓްރީ އަދި އައްޑޫސިޓީ ކައުންސިލް ކޮމިޓީއަށް ހާޒިރުކޮށްގެން މައްސަލައިގެ މައުލޫމާތު ސާފުކުރުމަށެވެ. ރޮޒައިނާ ހުށައެޅުއްވި ހުށައެޅުމުން އެކޮމެޓީން ވަނީ ފާސްކޮށްފައެވެ.



ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެމައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ބޮޑު މައްސަލަ އެެއް ކަމަަށާއި އެހެންކަމުން ވީހާވެސް އަވަހަށް ކަމާބެހޭ ފަރާތްތައް ހާޒިރުކޮށްގެން ސާފުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މި މައްސަލަ ސިޔާސީކޮށް ވަޒީރުންނާ ދިމާލަށް ނުފޫޒުފޯރުވާކަމަށް ބުނެ ވާހަކަތައް ފެތުރެމުންދާ ކަމަށާއި ހައްޔަރުކޮށްފައިވާ އަންހެން މީހާއަކީ ދުވަސްވީ މީހަކަށްވެފައި، އޭނާއާ ދެކޮޅަށް ހުރީ ކިހާވަރެއްގެ ހެކިތަކެއްކަން ދެނެގަންނަން ބޭނުންވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ މި މައްސަލައިގެ ފޯކަސް ގެއްލުވާލާ ސިޔާސީ ކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އައްޑު އަތޮޅު ހިތަދޫގައި އުމުރުން 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގާ ޝަރީއަތް ނިމެންދެން އަންހެނަކު ހައްޔަރުކޮށް މިހާރު ވަނީ ބަންދުކޮށްފައެވެ.

އެރަށު ސުކޫލުގައި މަސައްކަތްކުރާ އުމުރުން ދުވަސްވީ އެ އަންހެންމީހާ ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް ބުނެ އޭނާ ދޫކޮށްލަން ގޮވާލައި އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ވަނީ މުޒާހަރާވެސްކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު