އެމްއެމްޕީއާރުސީގެ މައްސަލަ ތަހުޤީޤްކުރުމުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ބުނެފިއެވެ.

އޭސީސީއަށް އަލަށް އައްޔަންކުރެއްވި މެމްބަރުން މިއަދު ފުރަތަމަ ފަހަރަށް މީޑިއާއާ ބައްދަލުކުރައްވައި ކޮމިޝަނުގެ މަސައްކަތްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ނާއިބް ރައީސް އަލްއުސްތާޛް އަބްދުއްސަލާމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައަކީ ކޮމިޝަނުން އެންމެ އިސްކަންދީގެން ބަލާނެ މައްސަލަކަމަށާއި މިމައްސަލަ ތަހުގީގް ކުރުމުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ތަހުގީގް މަރުހަލާއިން ފެށިގެންވެސް ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށްކަމަށެވެ.

ސަލާމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ތަހުޤީޤަށް މިހާރު 12 އިންވެސްޓިގޭޓަރުން ކަނޑައަޅައި، ފުލުހުންނާއި، ޕީޖީ އޮފީހާއި ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

އޭސީސީގެ މެމްބަރު އަލްއުސްތާޛާ ޝިޔާމާ މުހައްމަދު، ވިދާޅުވީ، އެންމެ އިސްކަމެއް ދޭނީ ތަހުގީގް ކުރުމުގައި ރިކަވާ ކުރެވޭ ނިޒާމު ހަރުދަނާ ކުރަންކަމަށާއި އަދި ކޮންމެ މައްސަލައެއްގެ ތަހުގީގް ފަށާއިރުވެސް އެމައްސަލައަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ހިމެނޭ މައްސަލައެއްތޯ ބަލައި ތަހުގީގް މަރުހަލާ ތެރެއިންވެސް މިކަމަށް ޚާއްސަ އިސްކަމެއް ދޭނެކަމަށެވެ.

ޝިޔާމާ ވިދާޅުވީ އޮޑިޓް އޮފީހާއި، އޭސީސީން މިހާތަނަށް ނިންމާފައިވާ މައްސަލަތަކުގައިވެސް އެސެޓް ރިކަވާ ކުރުމުގެ ބައި އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ގޮސްފައި ނުވާކަމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ކުރިން ބަލަމުން ދިޔައީ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ގެ ނަމުގައި އުފައްދަވާފައިވާ ކޮމިޝަނުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިދިޔަމަހު އެކޮމިޝަން އުވާލުވުމާއި ގުޅިގެން އެމްއެންޕީއާރުސީގެ މައްސަލަ ތަހުގީގު ކުރުމުގެ ޒިންމާ ވަނީ އޭސީސީއާއި ހަވާލުކުރެވިފައެވެ.

މިސަރުކާރުގައި ފުރަތަމަ އެކުލަވާލި އިސްތިއުފާ ދެއްވި އޭސީސީގެ މެންބަރުން ވެސް ފުރަތަމަ މަގާމާ ހަވާލުވެ ދެއްކެވީ ކުރީގެ އޭސީސީގެ މެންބަރުންގެ ފީކަޅާ ވާހަކައެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލައަށް ވަރަށް ވެސް އިސްކަން ދެއްވާނެ ވާހަކަ އެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވީ ނަތީޖާ ނުނެރެވޭތީ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު