އަހުމަދު މަސްނޫމް   5 އޭޕްރީލު 2022 - 18:27
އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގައި ބަލަންޖެހޭ 1681 މައްސަލަ އެބައޮތްކަމަށް އެކޮމިޝަނުން ހާމަކޮށްފިއެވެ.

އޭސީސީގެ މެމްބަރުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެކޮމިޝަނުގެ މެމްބަރުން ވިދާޅުވީ އައު މެމްބަރުން ކޮމިޝަނާއި ހަވާލުވިއިރު 1673 މައްސަލަ އޮތްކަމަށެވެ. އަދި އާކޮމިޝަންގެ ދައުރު ފެށުނު ފަހުން 25 މައްސަލަ ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން 18 މައްސަލަ ރަޖިސްޓްރީކޮށްފައިވާކަމަށްވެސް އެކޮމިޝަނުން ބުންޏެވެ. މީގެއިތުރުން އަލަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 7 މައްސަލައެއް ދޫކޮށްލާފައިވާކަމަށާއި އަދި އަލަށް ހުށަހެޅި 10 މައްސަލައެއް ކޮމިޝަނުން ނިންމާފައިވާކަމަށްވެސް ކޮމިޝަނުގެ މެމްބަރުން ވިދާޅުވިއެވެ.

އޭސީސީން ވަނީ ކޮމިޝަނަށް މައްސަލަތައް ހުށަހަޅާ ގޮތަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަން ވެސް ހާމަކޮށްފައެވެ. އެގޮތުން ކުރިން ކޮމިޝަންގެ އިޚްތިޞާސް ނުހިމެނޭ މައްސަލަތަކާއި، އަދި ކޮމިޝަންގެ ގަވާއިދަށް ނުފެތޭ މައްސަލަވެސް ހުށަހެޅޭކަމަށާއި އަދި މިފަދަ މައްސަލަތަކުގައި މިހާތަނަށް ގޮތް ނިންމާފައިވަނީ ކޮމެޓީގެ މެމްބަރުންކަމަށް މެންބަރުން ވިދާޅުވި އެވެ.

ނަމަވެސް މިހާރު ހުށަހަޅާ މައްސަލަތައް ރަޖިސްޓްރީކުރުމުގެ ބާރު އޭސީސީގެ ރަޖިސްޓްރާއަށް ދޭ ގޮތަށް ކޮމިޝަނުން ނިންމާފައިވާކަމަށް އޭސީސީން ބުނެއެވެ. މީގެއިތުރުން ކޮމިޝަނަށް މައްސަލަތައް ހުށަހަޅާ ފޯމާއި، ހުށަހަޅަންޖެހޭ ގޮތަށްވެސް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ.

އޭސީސީގެ މެމްބަރުން ވިދާޅުވީ ތަހުގީގް މަރުހަލާގައި 1124 މައްސަލަ އެބައޮތްކަމަށާއި އަދި އަހަރުގެ ފުރަތަމަ ކުއާޓާގައި ނިންމުމަށް މީގެ ތެރެއިން 136 މައްސަލައޮތް އޮތްއިރު، 162 މައްސަލައެއް އިވެލުއޭޝަން ނިންމައި، ކޮމިޝަންގެ މެމްބަރުންނާއި ހަމައަށް ލިބިފައިވާކަމަށެވެ. އަދި މީގެ ތެރެއިން 12 މައްސަލަ ކޮމިޝަނުން ނިންމާފައިވަކަމަށްވެސް އެކޮމިޝަނުގެ މެމްބަރުން ވިދާޅުވިއެވެ.

މިސަރުކާރުގައި ފުރަތަމަ އެކުލަވާލި އިސްތިއުފާ ދެއްވި އޭސީސީގެ މެންބަރުން ވެސް ފުރަތަމަ ދެއްކެވީ އޭގެ ކުރީގެ އޭސީސީގެ ފީކަޅާ ވާހަކައެވެ. އަދި އެންމެ އިސްކަމެއް ދެއްވާނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލަތައް ބެލުމަށް ކަމަށެވެ. ނަމަވެސް އެންމެފަހުން ހުރިހާ މެންބަރުން އިސްތިއުފާ ދެއްވީ ނަތީޖާ ނުނެރެވޭތީ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު