4 އަތޮޅެއްގެ 30 ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢެއް ހިންގުމަށް ސަރުކާރުން އިއުލާންކޮށްފިއެވެ.

އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢެއް ހިންގުމަށް ހަމަޖެހިފައިވަނީ ކ، އއ، އދ އަދި ވ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައެވެ. އެގޮތުން މިރަށްތަކުގައި ސޯލަރ ޕީވީ-ޑީސަލް ހައިބްރިޑް ޕަވަރ ޖެނެރޭޝަން ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތަށް ހޯދުމަށް ހުޅުވާލާފައިވަނީ ޑިޒައިން ކުރުމާއި ސަޕްލައި އަދި ނިޒާމު ހަރުކޮށް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ހިމެނޭގޮތަށެވެ.

މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކު (އީއައިބީ)ގެ ލޯނު އެހީގައި، ދިވެހި ސަރުކާރުންކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 150000 ޔޫއެސް ޑޮލަރު ބަހައްޓަން ޖެހެއެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ މެއި މަހުގެ 19ވަނަ ދުވަހުއެވެ.

ތެލަށް ކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާ ރަށްޓެހި ނިޒާމަކުން ކަރަންޓު އުފެއްދުމުގެ މަސައްކަތް ރާއްޖޭގައި ފެށީ 2007ވަނަ އަހަރުއެވެ. މިހާތަނަށް އައިއިރު 36 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ އުފެއްދޭނެ ނިޒާމު ރާއްޖޭގައި ވަނީ ޤާއިމުކޮށްފައެވެ.

މީގެތެރެއިން 20 މެގަވޮޓްގެ ސޯލާ ޤާއިމުކޮށްފައިވަނީ މިދިޔަ 3އަހަރުގެ ތެރޭގައިކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވަނީ ވިދާޅުވެފައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މި ދައުރު ނިމޭއިރު ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމު 55.5 މެގަވޮޓްއަށް އިތުރުކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު