ރާއްޖޭގައި ވަކީލުންގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ބާ ކައުންސިލްގައި ރަޖިސްޓްްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ދަފްތަރެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ދިވެހި ރާއްޖޭގެ ޤާނޫނީ ފަންނުގެ ގާނޫނުގައި ވާ ގޮތުން ލީގަލް ޕްރްކްޓިސްގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންނާއި ލޯފާމްތަކުގައި މަސައްކަތްކުރާ ވަކީލުންނާއި ދައުލަތުގެ މުއައްސަސާއެއް ގައި މަސައްކަތްކުރާ ވަކީލުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ވަކީލުންގެ ދަފްތަރެއް އޮންނަންޖެހެއެވެ.

ބާ ކައިންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެކުލަވާލަންޖެހޭ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް އެ ކައުންސިލުން ފަށާފައިވާކަމަށާއި ޤާނޫނީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޞައްޙަ މަޢުލޫމާތު ހިމެނޭ މިފަދަ ދަފުތަރެއް އޮތުމުން ޤާނޫނީ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޤާނޫނީ ހިދުމަތް ހޯދުމަށް އިތުރު ފަސޭހައަކަށް ވެގެންދާނެކަމަށެވެ.

ބާ ކައުންސިލުން ވަނީ ވަކީލުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައެވެ. އަދި ދެ މަސްދުވަހުގެ ތެރޭގައި މި ދަފްތަރުގެ މަސައްކަތް ނިންމަން ބޭނުންވާތީ އަންނަ މަހުގެ 21 ވަނަދުވަހުގެ ކުރިން ޤާނޫނީ ދާއިރާގައި މަސައްކަތް ކުރާ ވަކީލުން ބާ ކައުންސިލްގައި ރަޖިސްޓްރީވެ ނިންމުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

މި ދަފްތަރު ނިމުމުން ބާ ކައުންސިލްގެ ވެބްސައިޓްގައި ޝާއިޢުކުރާނެކަމަށް އެ ކައުންސިލުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު