ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ
ސަރުކާރުން ކުންފުނިތަށް އުފައްދަނީ ވިޔަފާރި ކުރަން ނޫން ކަމަށާއި އެއީ މަޖުބޫރުވެގެން ބަލާ ބަލި "ދަރިންތަކެއް" ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ މިއަދު ވިދާޅުވެއްޖެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ ސަރުކާރުން ކުންފުނިތައް ހަދަނީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަށް ދިނުމަށްޓަކައި މަޖުބޫރުވެގެން ކަމަށެވެ. އެގޮތުން މި ސަރުކާރުން ވެސް ކުންފުނިތައް ހެދީ ސަރުކާރުން މަޖުބޫރުވެގެން ކަމަށާއި އެއީ މަޖުބޫރުވެގެން ބަލާ ބަލި "ދަރިންތަކެއް" ކަމަށް އީސަ ވިދާޅުވިއެވެ.

"ތިޔަ ވިދާޅުވާ ގެދޮރު އަޅަން އުފައްދާފައިވާ ކުންފުންޏަކާއި ކިއުކަންބާ ގަންނަން އުފައްދާފައިވާ ކުންފުންޏަކާއި މަސް ގަންނަ ކުންފުންޏަކާއި ދަޅުމަސް ބަންދުކުރާ ކުންފުނި އެއީ ސަރުކާރުން ވިޔަފާރި ކުރުމުގެ މަގުސަދުގައި ހަދާފައިވާ ކުންފުނި ތަކެއް ނޫން، އަދި ހިންގާ ކުންފުނި ތަކެއް ވެސް ނޫން، އެއީ ސަރުކާރަށް މަޖުބޫރުވެގެން ބަލާ ބަލި ދަރީންތަކެެއް." ސަރުކާރުން ކުންފުނިތަށް އުފައްދަނީ ވިޔަފާރި ކުރަން ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުން އީސަ ވިދާޅުވިއެވެ.

މީގެ އިތުރުން އީސަ ވިދާޅުވީ، ސަރުކާރުން އުފައްދާފައިވާ އެގްރޯ ކުންފުންޏަކީ ވެސް ވިޔަފާރި ކުރަން އުފެއްދި ކުންފުންޏެެއް ނޫން ކަަމަށެވެ. ކުންފުނި އުފައްދަނީ އާންމު ވިޔަފާރި އުސޫލުން އެ ޚިދުމަތް ދޭނެ ކުންފުނިތައް ނެތުމުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ދިނުމަށް ކަމަށް އީސަ ވިދާޅުވިއެވެ.

"އެއީ ސެންޓަރައިޓް ވެގެން ނުވެގެން ކުރާ ކަމެއް ނޫން އެއީކީ، ކާކު މިއަދު ފެލިވަރު ގަނެގެން އެތަނަށް 50 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން އަޅުގަނޑުމެންގެ މަސްވެރިން މި އުއްމީދު ކުރާ އަގުގައި މަސް ގަންނާނީ. ކޮން ކުންފުންޏެއް. ހަމަ އައީ މި ސަރުކާރުން ވިއްކާލީ، ސުވާލެއް ވެސް ނޫން އެއީކީ، ކުދި ކުދި ރަށްރަށުގައި ކިލޯ އަކުން ވިއްކާާ ކިއުކަންބާ ގަންނާނެ ކުންފުންޏެއް ނައި. މަޖުބޫރުވެގެން އެ ކުންފުނި (އެގްރޯ ކުންފުނި) އުފެެއްދީ." ސަރުކާރުން ކުންފުނިތައް އުފެއްދުން ދިފާއު ކުރައްވައި އީސަ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި އީސަ ވާހަކަދައްކަވަމުން ދިޔައިރު އެމްޑީޕީގެ "ސަރުކާރާ ދެކޮޅު" ފެކްޝަންގެ މެންބަރުން ޢީސަގެ ވާހަކަތަކަށް ހުރަސްއެޅުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު