ސަރުކާރުން މަސްވެރިންނަށް ވީ ވައުދު ފުއްދައިދިނުމަށް އެމްޑީޕީގެ މެނިފެސްޓޯއަށް ރުޖޫއަ ވުމަށް އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް ގޮވާލައްވައިފިއެެވެ.

ރަައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޝޯޝަލް މީޑިޔާގައި އާންމު ކުރި ބަޔާނެއްގައި ވިދާޅުވީ ވަރަށް ގިނަ މަސްވެރިން ރޭ އެމަނިކުފާނަށް ގުޅައި ޝަކުވާ އުފުލައިފި ކަމަށެވެ. މަސްވެރިން ބާނާ މަސް ނުކިރި އެތައް ތަކުލީފެއްގައި އުޅެންޖެހުމުން މަސްވެރިންކުރަނީ ހައްގު ޝަކުވާއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަސްވެރިން ފާހަގަކުރަނީ އެމްޑީޕީން މަސްވެރިންނަށް ހުށަހެޅި ކަންކަން ބަލައިގަނެ އެކަންކަމަށް ބިނާކޮށް މަސްވެރިން އެ ޕާޓީއަށް އިތުބާރުކޮށް ވޯޓުދިން ކަމުގެ ވާހަކަ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ 2018 ވަނަ އަހަރު އެމްޑީޕީން ހުށަހެޅި މެނިފެސްޓޯގައި ހިމަނާފައިވާ މަސްވެރިކަމުގެ ސިޔާސަތުގެ ވާހަކަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އަހަރު ދެކޮޅު ރާއްޖޭގައި މަސްވެރިކަން ތިޔާގިވާ ކަމަށާއި، އެއީ ހާހަކަށްވުރެ ގިނަ އަހަރުވެފައިވާ ތައްގަޑެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ތައްގަޑު ސާފުކޮށްދޭ އަނެއްކަމަކީ މަސްވެރިކަން ތިޔާގިވާ ކޮންމެ ފަހަރަކު ބާނާ މަސްގިނަވެ އެއަށް ހަދާނެ ގޮތެއް ނޭނގޭކަން ކަމަށެވެ. އަދި އެމްޑީޕީން އަބަދުވެސް މަސްވެރިން ބާނާ މަސް ގަނެވޭނެ އަދި އެ މަހަށް ހަމަ އަގު ދެވޭނެ ސިޔާސަތުތައް ހިމަނާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ 2013 ވަނަ އަހަރުގެ މެނިފެސްޓޯއަށްވުރެވެސް ބޮޑަށް 2018 ވަނަ އަހަރުގެ މެނިފެސްޓޯ ބިނާކޮށްފައިވަނީ ކަނޑު ރޯދި ހޯދުމުގެ ހުށަހެޅުމެއްގެ ގޮތުގައި ކަމަށާއި، ނޫ އިޤުތިޞާދެއް ބިނާކުރުމުގެ މައްޗަށް ކަމަށެވެ. އަދި އެ ސިޔާސަތުގެ ނާރެހަކީ މަސްވެރިކަމުގެ ފުރިހަމަ ނަފާ ހޯދުން ކަމަށް ރައީސް ނަޝީދު ވަނީ ފާހަަގަކުރައްވާފައެވެ.

"އެ މެނިފެސްޓޯއަށް ފެނުނު ގޮތުގައި ރާއްޖޭގެ މަސްވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ސިނާއަތުގައި ސަރުކާރުގެ ދައުރު ފުޅާވުމެވެ. ސަރުކާރު ކުންފުނިތަކުން ބައިވެރިވާ މިންވަރު މާ ބޮޑުވުމެވެ. އެކަމަށް 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ހުށަހެޅި ހައްލަކީ ގޭ ދޮށު މަސް ޕްލާންޓުގެ ސިޔާސަތެެވެ." ރައީސް ނަޝީދު ލިޔުއްވާފަައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަސް ގަޑުކޮށް ފިނިކޮށް ރައްކާކުރުމާއި މަސްބަންދުކުރުމުގެ މި ޒަމާނުގެ ސިނާއަތުގައި، ކުދި މަސްބަންދުކުރާ ކާރުޚާނާތައް ނުވަތަ ނިޒާމުތައް އިންތިހާއަށް ފައިދާ ބޮޑު ގޮތެއްގައި ދުނިޔޭގެ އެތައް ގައުމެއްގައި ހިންގަމުންދާ ކަމަށެވެ. އަދި މި ނިޒާމުުތަކަކީ ދުވާލެއްގެ މައްޗަށް 10 ޓަނާއި 20 ޓަނު މަސް ބަންދުކުރެވޭ ނިޒާމުތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މަސްވެރިކަމުގެ ކޮންޓުރޯލު ޒަމާނުއްސުރެ ރާއްޖޭގައި އޮތީ ސަރުކާރުގެ އަތްމަތީގައި ކަމަށެވެ. 2003 ވަނަ އަހަރު އަމިއްލަ ކުންފުނިތަކަށް މަސްވެރިކަމުގެ ސިނާއަތުން ޖާގަ ދިން ނަމަވެސް އެ ސިޔާސަތު ފުޅާކުރީ އެމަނިކުފާނުގެ ސަރުކާރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވެރިކަން "ބަޣާވާތަކުން" ވައްޓައިލުމަށްފަހު މަސްވެރިކަމުގެ ސިޔާސަތަށް ގެނައި ބަދަލެއްގެ ސަބަބުން މަހުގެ އަގު ދަށަށް ދިޔަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން މަސް ފިނިކުރާ ގުދަންތަކާއި މަސް ބަންދުކުރާ ކާރުޚާނާތަައް ހަދައިގެން މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ނުގެންދެވޭނެކަން ސާފުވަމުން އަންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. ރައީސް ނަޝީދު ވަނީ އެމްޑީޕީގެ މެނިފެސްޓޯގެ މަގަށް ރުޖޫއަވުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ދަރަނި ބޮޑުކޮށްގެން މަސް ފިނިކުރުމުގެ ޖާގައާއި ގުދަންތައް ބޮޑުކުރުން ހުއްޓައިލުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ. ރާއްޖޭގެ މަސްވެރި ރަނގަޅު ރަށްރަށުގައި، ރަށު ކައުންސިލުތަކާއި މަސްވެރިންނާއި ވިޔަފާރިވެރިން ހިއްސާވެވޭނެ ނިޒާމެއްގައި ހިންގާ ކުދި މަސް ކާރުޚާނާތައް އުފެއްދުން އަވަސްކުރުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު