އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާމެދު ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީއާއި އަދި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަލައިދޭން އެދި ހަ ޖަމިއްޔާއަކުން މަޖިލީހަށް ހުށައަޅައިފިއެެެވެ.

އައްޑޫގެ ބިން ހިއްކުމާ ގުޅޭ ގޮތުން އެ ހަ ޖަމިއްޔާއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީގައި އައްޑޫގެ ބިން ހިއްކައިފިނަމަ ލިބިދާނެ ގެއްލުންތަކާއި މި މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ ގޮތާ މެދު ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފަ އެވެ. އަދި އެ ގެއްލުން ބޮޑު މަޝްރޫއު ހުއްޓުވައިދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަައިދޭން ޖަމިއްޔާތަކުން ވަނީ އެދިފައެވެ.



އައްޑޫ ބިން ހިއްކުން ހުއްޓުވަން އަމިއްލަ ފަރާތަކުން މީދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ވަނީ މައްސަލައެއް ހުށައަޅާފައެެވެ. ސަރުކާރުން މީގެ ކުރިން ބުނީ ބިން ހިއްކާނީ ވީހާ ވެސް ބޮޑަށް ގެއްލުން ކުޑަވާނެ ގޮތްތަކަށް ބަލައިގެން ކަމަށެވެ. މި މަޝްރޫއުގެ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އޮތީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ހުށަހަޅައިފަ އެވެ. އައްޑޫގެ ބިން ހިއްކަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ ނެދާލޭންޑްސްގެ ކުންފުންޏެއް ކަމުގައިވާ ވެން އޫޑްއާއެވެ. މިމަޝްރޫއުގެ ދަށުން އައްޑޫސިޓީން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

ސަރުކާރުން ބުނެފައިވަނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ހިންގާ މަސައްކަތްތަކަކީ، ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުމާއި، ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި، ހުޅުމީދޫ ކައިރީގައި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުމާއި، މަރަދޫ / މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުމާއި، ޓޫރިޒަމަށް ހާއްސަކޮށްގެން 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުމެވެ.



ކިޔުންތެރިންގެ ހިޔާލު