ކިންގް ސަލްމާން މިސްކިތުގައި ދަރުހެއް ބޭއްވުމުގެ ހުއްދަ ދެވެން ނެތް ކަމަށް އިސްލާމިކް މިނިސްޓްރީން އިދިކޮޅު ޕީޕީއެމަށް އަންގައިފި އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އެޕާޓީން އިންތިޒާމްކުރި ދަރުސް ބާއްވަން ސަލްމާން މިސްކިތް ދެވެން ނެތް ކަމަށް މިނިސްޓްރީން އަންގާފައިވާ ކަަމަށެވެ. އަދި މިހާރު އެއްވެސް ސިޔާސީ ޕާޓީއަކަށް ދީނީ ދަރުސް ޕްރޮގްރާމް ރޯދަ މަހު ހިންގަން ފުރުސަތު ދޭ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މީގެކުރިން އަދާލަތު ޕާޓީން ލޯގޯ ޖަހައިގެން ދަރުސް ބާއްވާފައިވަނީ "އޮޅުމަކުން" ކަމަށާއި އެއްވެސް ސިޔާސީ ޕާޓީއަކަށް އެއްވެސް މިސްކިތެއްގައި ދަރުސް ދެވޭނެ ފުރުސަތެއް ނޯންނާނެ ކަމަށް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރެވޭނެކަން އަދާލަތަށް ވެސް މިހާރު އަންގާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

ޕީޕިއެމުން ބުނީ ކޮންމެ ރޯދަ މަހަކު ބާއްވަމުން އަންނަ އިހްޔާ ޕްރޮގްރާމް މިއަހަރު ވެސް އޮންނާނެ ކަމަށެވެ. އެގޮތުން ފުރަތަމަ އިހްޔާ ޕްރޮގްރާމް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭ ޕީޕީއެމްގެ އޮފީހުގައި ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު