ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިކުރާ، ނުރަނގަޅު އާދަތައް ދޫކޮށްލުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ދެއްވި ޚިތާބެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ކޮވިޑުގެ ހާލަތުން އާންމު ހާލަތަށް ރުޖޫއަ ވެފައިވާއިރު ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތަކާ މެދު ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. ސިއްހީ ދާއިރާގެ ތަފާސް ހިސާބުތަކާއި ހަވާލާ ދެއްވައި ރައީސް ސާލިޙު ވިދާޅުވީ، އެންމެ ގިނަ ދިވެހިން މަރުވަނީ، ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ކިޑްނީއާ ގުޅުން ހުރި ބަލިތައް ފަދަ، ގައިން ގަޔަށް ނާރާ ބަލިތަކުގައި ކަމަށެވެ. އަދި މި ހުރިހާ ބަލިތަކަކީވެސް، ދުންފަތުގެ އިސްތިޢުމާލުކުރުމާ ވަރަށް ބޮޑަށް ގުޅިފައިވާ ބަލިތަކަކަށްވާއިރު، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލުމަކީ، އެ ބާވަތުގެ ބަލިތަކުގައި މަރުވާ މީހުންގެ ޢަދަދު މަދުކުރުމަށްޓަކައި، ފަރުދީ ގޮތުން އަދާކުރަންޖެހޭ ވަރަށް މުހިންމު ވާޖިބެއް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ޞިއްޙަތު ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ވެސް، އެ ދުވަސްވަރެއްގައި ޞިއްޙީ ގޮތުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންކަމާ މެދު ހޭލުންތެރިކަން އިތުރުކޮށް، ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުން ކަމަށެވެ. އަދި ޞިއްޙަތާ ގުޅޭ ގޮތުން، މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވާ އެއް ކަމަކީ، ރާއްޖޭގެ ތިމާވެށީ ޙިމާޔަތްކުރުން ކަމަށްވާތީ، ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް، މިހާރަށްވުރެ ބޮޑު އެއްބާރުލުމެއް ދިނުމަށް، ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދުނިޔޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ ތެރެއިން، 13 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެގެންދަނީ، އެކަންކަމުން އަޅުގަނޑުމެންނަށް ސަލާމަތްވެވިދާނެ ފަދަ ތިމާވެށީގެ ތަފާތު ސަބަބުތައް މެދުވެރިވެގެން ކަމަށެވެ. އެހެންކަމުން، މިޒަމާނުގެ ޢިލްމީ މަފްހޫމުގައި މާނަކުރާއިރު، ތިމާވެށީގެ ކޮންމެ މައްސަލައަކީ، އިންސާނުންގެ ޞިއްޙަތާ ގުޅިފައިވާ މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"މިއީ ދިވެހިރާއްޖެ ފަދަ، މޫސުމީ ބަދަލުތަކަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ޤައުމެއްގައި ދިރިއުޅޭ ހަމަ ކޮންމެ މީހަކުމެ، ފުންކޮށް ވިސްނައި ފިކުރު ހިންގަންޖެހޭ ކަމެކެވެ. ދުނިޔެ ހޫނުވުމާއި، ވައި ނުސާފުވުމާއި، ފެން ތަޣައްޔަރުވުމާއި، އުދައެރުމާއި، ގޮނޑުދޮށްތައް ގިރުމަކީ، ތިމާވެށީގެ ގޮތުން ރާއްޖެ މިވަގުތު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑެތި ގޮންޖެހުންތައް ކަމަށް ވިޔަސް، މިއިން ކޮންމެ ކަމަކީ އަޅުގަނޑުމެންގެ ޞިއްޙީ ދުޅަހެޔޮކަމާ އެތައް ގޮތަކުން ގުޅިފައިވާ ކަންކަމެވެ.އަމިއްލަ ޞިއްޙަތަށް ރައްކާތެރިވާ ފަދައިން، އަޅުގަނޑުމެންގެ ޤުދުރަތީ ވެށީގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެެވެ." ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.

މިއަހަރުގެ ދުނިޔޭގެ ޞިއްހަތު ދުވަހަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ޝިޢާރު ކަމަށްވާ "އަހަރެމެންގެ ގުރަހަ، އަހަރެމެންގެ ޞިއްޙަތު" މި ޝިއާރަށް އަލި އަޅުއްވާލައްވަމުން ރައީސް ސާލިޙު ވިދާޅުވީ އެ ޝިއާރު އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، އިންސާނުންގެ ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި، ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމުގެ ބޭނުންތެރިކަން ކަމަށެވެ. އަދި މި ޝިޢާރު އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެނީ، ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން، އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް، ނުރައްކާތައް ކުރިމަތިވަމުންދާ މިންވަރު ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އިންސާނުންނަށް މިބިންމަތީގައި ދެމިތިބެވޭނީ ކިހާ ދުވަހަކުތޯ ސުވާލު އުފެދޭ ދަރަޖައަށް، ދުނިޔޭގެ ތިމާވެށި ހަލާކުވެ، އަދިވެސް އިތުރަށް ހަލާކުވަމުންދާކަން އެ ޝިއާރުން ހާމަވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައި ފާހަަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 7 ވަނަ ދުވަހެެވެ.



ކިޔުންތެރިންގެ ހިޔާލު


-11

ޢިއްބެ

09-Apr-2022

އަޅުގަނޑުމެންގެ ރަށުގަި ކެންސަރުގެބަލިޖެހިފައިމިއަހަރުވަނީ 3 މީހަކަށެވެ މިބަ މީގެތެރެއިން 2މީހުންނަކީސިގިރަެޓްބޯމަގަކުންވެސްނުދާ2މީހުންނެވެދެންމިވަނީކީއްކަމެއްނޭންގެ