ގަލޮޅު ރަސްމީ ދަނޑު ތަޅާލައި އާ ދަނޑެއް އެޅުމުގެ މަޝްރޫއުއާ ގުޅޭގޮތުން ސުވާލުކުރުމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް މަޖިލީހަށް ހާޒިރުކުރަން ހަމަޖެހިއްޖެއެވެ.

މަހްލޫފް ހާޒިރުކުރަން ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް އަހުމަދު ނަސީމްއެވެ.

މަހްލޫފް ހާޒިރުކުރަން މީކާއިލް ހުށަހަޅާފައި މިވަނީ މާލޭގެ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގެ ބަދަލުގައި އައު ދަނޑެއް ތަރައްގީކުރުމަށް ނިންމާ، އެކަމާއި ގުޅޭ ތަފްސީލްތައްވެސް ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މީކާއިލް ހުށަހެޅުއްވީ ގަލޮޅު ދަނޑު ތަޅާލައި އެތަނުގައި އާ ދަނޑެއް އަޅަން ޔޫތު މިނިސްޓްރީން ނިންމާފައިވާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނާ އެކަމުގެ މަޝްވަރާކުރަން ރާވާފައިވަނީ ކޮން އިރަކުތޯއާ އަދި އެ ދަނޑު އެހެން ސަރަހައްދެއްގައި އެޅުމަށް މިނިސްޓްރީގެ އެއްވެސް ވިސްނުމެއް ހުރިތޯ ބެލުމަށެވެ.

މާލޭ ގަލޮޅު ރަސްމީ ދަނޑު ތަޅާލުމަށްފަހު ތަރައްގީކުރާ ބޯޅަދަނޑުގެ ޑިޒައިން ވެސް މަހުލޫފް ވަނީ ދައްކާލާފައެވެ.

މަހްލޫފް ވިދާޅުވީ ގަލޮޅު ދަނޑު ތަޅާލާ އައު ދަނޑެއް ތަރައްޤީކުރުމަށް ނިންމާފައިވާއިރު މިއީ އިންޑިއާގެ އެލްއޯސީގެ ދަށުން ބަޖެޓުކުރެވިގެން ކުރިއަށްދާ މަސައްކަތެއްކަމަށެވެ.

މިއަހަރުގެ ބަޖެޓުގައި ގަލޮޅު ދަނޑު ތަރައްގީކުރުމަށް 45،494،505 ރުފިޔާ ވަނީ ހިމަނާފައެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓްގައި 10 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

ފަހުގެ ތާރީހެއްގައި ގަލޮޅު ދަނޑު މަރާމާތު ކޮށްފައިވަނީ 2008ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި 2014ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖު ކަޕަށެވެ. އޭގެތެރެއިން ޗެލެންޖު ކަޕަށް 70 މިލިއަނެއްހާ ރުފިޔާ ގަލޮޅު ދަނޑަށް ވަނީ ހަރަދު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު