ގައުމީ ޝިޕިންގ ކުންފުނިން ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުމަށް ބަލްކް ކެރިއަރ ބޯޓެއް ގަތުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ، އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ ހިލައާއި ހިލަ ވެއްޔަކީ ގިނަ އަދަދަކަށް ރާއްޖެއަށް ބޭނުންވާ ސާމާނަށްވާއިރު، އެތަކެތި ގެނައުމުގެ ވިޔަފާރިއަށް ވަނުމަށް ނިންމާފައިވާކަމަށެވެ.

އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ހިލަ އަދި ހިލަވެލި އުފުލުމަށް ބޭނުންކުރާ ބަލްކް ކެރިއާއެއް ގަތުމަށް މިހާރު ތައްޔާރުވަމުންދާކަމަށެވެ. އަދި ވަރަށް އަވަހަށް އެކަމާއި ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު، މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީ ކޮޅު މުދަލާއެކު ރާއްޖެއަށް ބޯޓު އަންނާނެކަމަށް ސައީދު ވިދާޅުވިއެވެ.

އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ ސައީދު ވިދާޅުވީ ކޮންސްޓަރަކްޝަން ސާމާނު ގެންނަން ހޯދާ 190 މީޓަރުގެ ބޯޓު ވެގެންދާނީ ދިވެހި ކުންފުންޏަކުން ގަންނަ އެންމެ ބޮޑު ބޯޓަށް ކަމަށެވެ. އަދި މިއީ 4400 ޓަނުގެ ބޯޓެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި ބޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެގޮތުން 4 މުވައްޒަފުން ފިޔަވައި ދެން ތިބި ހުރިހާ މުވައްޒަފުންނަކީވެސް ދިވެހިންކަން ސައީދު ފާހަގަކުރެއްވިއެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. 2020ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ޚިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. ބާކީ އޮތް 0.01 އިންސައްތައަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން