ރަޝިޔާ ފަހަތަށް ޖައްސާލުމަށްފަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމަކަށް އިނގިރޭސިވިލާތްވެއްޖެއެވެ.

މީގެކުރިންވެސް އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ. ނަމަވެސް ކޯވިޑާއެކު އިނގިރޭސިވިލާތުން އެޅި ފިޔަވަޅުތަކަުން އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ. އަދި މިއަހަރުގެ މާރޗުމަހުގެ 30ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އަންނަމުން ދިޔައީ ރަޝިއާ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 456992 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 43.2 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 12.7 އިންސައްތައާއެކު އެންމެ ކުރީގައި އުޅެނީ އިނގިރޭސިވިލާތެވެ. ރަޝިޔާ ދެވަނައިގައި އޮތީ 11.6 އިންސައްތައާއެކުއެވެ. އަދި 3 ވަނައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ 10.9 އިންސައްތަ ހިއްސާއާއެކު އިންޑިއާއިންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، މީގެތެރެއިން 131764 ފަތުރުވެރިންނަކީ ޖެނުއަރީމަހު ރާއްޖެއަށް އައި ފަތުރުވެރިންނެވެ. ފެބްރުއަރީމަހު ރާއްޖެއަށް 149008 ފަތުރުވެރިން އައިސްފައިވާއިރު، މާރޗުމަހު ރާއްޖެއަށް އައިސްފައިވަނީ 150739 ފަތުރުވެރިންނެވެ. އަދި އޭޕްރީލްމަހުގެ ފުރަތަމަ ފަސް ދުވަސްތެރޭ ރާއްޖެއަށް އައިސްފައިވަނީ 25481 ފަތުރުވެރިންނެވެ.

ރާއްޖެއިން ވަނީ މިއަހަރުތެރޭ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން