އަހުމަދު މަސްނޫމް   8 އޭޕްރީލު 2022 - 23:56
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ ސީ ޕްލޭން ޓަރމިނަލް އަންނަ މޭއިމަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ނިންމައިފިއެވެ.

އަންނަމަހުގެ މެދު ތެރޭގައި ސީ ޕްލޭން ޓަރމިނަލް ހުޅުވުމަށް މިހާރު ނިންމާފައިވާއިރު، ކުރިން އޮތީ މިމަހުގެ މެދުތެރޭގައި ހުޅުވާގޮތަށެވެ.

އެމްއޭސީއެލުން ބުނީ ޓަރމިނަލްގެ މަސައްކަތް ކުރިން ރާވާފައިވާ ތާވަލާ އެއްގޮތަށް ނުދަނީ ރާއްޖެއިން ބޭރުން ގެންނަ ބައެއް ސާމާނު ނުލިބިގެންކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ މޭއި މަހުގެ 15 ވަނަ ދުވަހު ސީޕްލޭން ޓަރމިނަލް ބޭނުންކުރަން ފަށަންކަމަށް ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން އެމްއޭސީއެލްއިން ބުންޏެވެ.

ވީއައިއޭގެ އައު ރަންވޭ ބޭނުންކުރަން ނުފެށި ލަސްވަނީ މިހާރު ބޭނުންކުރަމުންދާ ސީޕްލޭން ޓަރމިނަލްގެ ސަބަބުން ކަމަށް އެމްއޭސީއެލުން ބުނެއެވެ. ސަބަބަކީ ބައިނަލްއަޤުވާމީ އޭވިއޭޝަން ސްޓޭންޑަޑަށް ބަލާއިރު އައު ރަންވޭއާއި ވަކި ދުރުމިނެއް ހިމެނޭ ސަރަޙައްދުގައި ޢިމާރާތް ފަދަ ތަންތަން ހުރުމަކީ މަނާކަމެކަށް ވާތީއެވެ.

އާ ސީޕްލޭން ޓަރމިނަލަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ 1.2 ބިލިއަން ޑޮލަރުގެ މަޝްރުޢޫގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢުއެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްޤީކުރާ ޓަރމިނަލްގެ މަސައްކަތް ކުރުމަށް ހުޅުލެއިން 3.5 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. މި ޓަމިނަލްގައި ލޮބީތަކާއި ލައުންޖް އަދި އިދާރީ މަސައްކަތްތަކަށް ޚާއްސަ ސަރަޙައްދުތައްވެސް ހިމެނެއެވެ.

އާ ޓަރމިނަލްގެ އެންމެ ބޮޑު އެއް ބޭނަމަކީ ސީޕްލޭން ޑޮކްތަކުގެ ޖާގަ އިތުރުކުރުމެވެ. އެގޮތުން ޑޮކްތަކުގެ ޖާގަ 50 އިންސައްތައަށް އިތުރުކޮށް، 80 އަށްވުރެ ގިނަ ސީޕްލޭން އޮޕަރޭޓްކުރެވޭނެ ޖާގަ ތަނަވަސްވެގެންދާނެކަމަށް އެމްއޭސީއެލުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު


7

ޜާސް

11-Apr-2022

ތިޔަ ނޫސްވެރިކަން ފުރިހަމަ އެއް ނޫން !! ތަނެއް ހުޅުވާ ވާހަކަ ލިޔާއިރު އެ ވިސްނުން ހަގީގަތަކަށް ހެދި މީހާގެ ވާހަކަ ވެސް ލިޔެލަންވާނެ ބަޔަސް ނުވަންޏާ!! ހަސަދަ އަކީ ތިމާ ކުރާ ހެޔޮކަން ކާލާ އެއްޗެއް. ޢެކަން ހަނދާން ބަހައްޓާތި!!